ޔަމާލް އަށް އެކަތިން ނުފުދޭ! ގިނަ ބޭނުންވަނީ
10 ސެޕްޓެމްބަރު 2025 - 09:37

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމިން ޔަމާލް އޭނާގެ ކެރިއަރގައި ހޯދަން ބޭނުން ވަނީ އެންމެ ބެލަންޑިއޯ އެއް ނޫންކަމަށާއި ގިނަ އަދަދެއްގެ ބެލޯން ޑީ އޯ ކާމިޔާބު ކުރުމުގެ ހުވަފެން ދެކޭ ކަމަށް ބުނެފިއެވެ.
"އަހަރެން ހުވަފެން ދެކެނީ އެންމެ ބެލޯން ޑީ އޯއެއް ކާމިޔާބު ކުރާކަށް ނޫން. އަހަރެން ހުވަފެނަކީ ގިނަ އަދަދެއްގެ ބެލޯން ޑީ އޯ ކާމިޔާބު ކުރުމަށް،" ޖޮސޭ ރަމޯން ޑެ ލަ މޮރޭނާއަށް ދިން އިންޓަވިއުއެއްގައި ލަމިން ބުންޏެވެ.

Ad by Hajj Corporation
"އަހަރެންނަކީ އެކަން ކުރެވޭނެ ޤާބިލުކަން ހުރި ކުޅުންތެރިއެއް ކަމަށް އަހަރެން ދެކެން. އެކަން ނުކުރެވޭ ކަމަށް ވަންޏާ އެއީ އަހަރެން ރަނގަޅަށް މަސައްކަތް ނުކުރީމަ ނޫނީ އަހަރެން އެކަން ކުރަން ބޭނުން ނުވީމަ،" އޭނާ އިތުރަށް ބުންޏެވެ.
އުމުރުން އެންމެ 18 އަހަރުގެ މި ކުޅުންތެރިޔާއަކީ މި އަހަރުގެ ބެލޯން ޑީ އޯ އަށް ވާދަކުރާނެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާއާއި އެންމެ ވާދަކުރާ ކުޅުންތެރިއަކަށް މިއަހަރު ވާނީ ޕީއެސްޖީގެ އުސްމާން ޑެމްބެލޭއެވެ. ޑެމްބެލޭ ވަނީ މިދިޔަ އަހަރު އޭނާގެ ކުލަބާއެކު ޖުމްލަ 5 މުބާރާތެއް ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޑެމްބެލޭ ވަނީ ޗެންޕިއަންސް ލީގުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމާއެކު ފްރާންސް ލީގުގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމް ހޯދާފައެވެ.
ޔަމާލް މިހާރު ކުޅެމުންދާ ފެންވަރު ހިފަހައްޓައި، ޓްރޮފީތައް ކާމިޔާބުކުރަމުން ގެންދާނަމަ، ގިނަ އަދަދެއްގެ ބެލޯން ޑީ އޯ ކާމިޔާބުކުރުމަކީ އޭނާއަށް ކުރެވިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.