ޔަމާލް ވިސާ އާއެކު 200 މިލިޔަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
12 ސެޕްޓެމްބަރު 2025 - 12:40

ބާސެލޯނާގެ ޒުވާން ކުޅުންތެރިޔާ ލަމީން ޔަމާލް، ދުނިޔޭގެ އެންމެ ބޮޑު ޕޭމަންޓް ޕްރޮސެސިންގ ކުންފުނިތަކުގެ ތެރެއިން އެއް ކުންފުނި ކަމަށްވާ ވިސާއާއެކު 200 މިލިއަން ޔޫރޯގެ އެންޑޯސްމަންޓް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އަހަރުގެ ޖޫން މަހު ހާމަކުރެވުނު މި އެއްބަސްވުމުގެ ދަށުން، ލަމިން ޔަމާލް 2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕްގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. މި ވޯލްޑް ކަޕަކީ ކެނެޑާ، މެކްސިކޯ އަދި ޔުނައިޓެޑް ސްޓޭޓްސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕެވެ.

Ad by Hajj Corporation
"ފީފާ ވޯލްޑް ކަޕް 26 ފެށުމަށް އަހަރެއް ދުވަސް ބާކީ އޮއްވާ، ވިސާއިން މި އިޢުލާނުކުރަނީ ފުޓްބޯޅައިގެ އެންމެ އުޖާލާ މުސްތަޤްބަލެއް އޮތް ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިޔާ ލަމިން ޔަމާލް، މި މުބާރާތުގެ ގްލޯބަލް އެމްބެސެޑަރެއްގެ ގޮތުގައި ހަރަކާތްތެރިވާނެ ކަމުގައި،" ވިސާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ދަށުން، ވިސާ ކާޑު ބޭނުންކުރާ ފަރާތްތަކަށް ޚާއްޞަ އިމްތިޔާޒުތަކެއް ލިބިގެންދާނެއެވެ. މީގެ ތެރޭގައި ބާސެލޯނާގައި ޔަމާލްއާ ބައްދަލުކުރުމުގެ ފުރުސަތާއި، އޭނާ ސޮއިކޮށްފައިވާ ތަކެތި ހޯދުމުގެ ފުރުސަތު ހިމެނެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި އެއްބަސްވުމަކީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފަހުންވެސް ދެމިގެންދާނެ އެއްބަސްވުމެކެވެ. މިއީ ފުޓްބޯޅަ ދާއިރާގައި ވަރަށް މަދުން ފެންނަ ބޮޑު އަގެއްގެ އެންޑޯސްމަންޓް އެއްބަސްވުމެކެވެ.