ޔަމަނުގެ އެކި ސަރަހައްދުތަކަށް އިސްރާއީލުން ބޮން އަޅައިފި

10 ސެޕްޓެމްބަރު 2025 - 18:23
އިސްރާއީލުގެ ހަނގުރާމަ މަތީ ބޯޓުތަކުން ޔަމަނުގެ އެކި ސަރަހައްދުތަކަށް ބުދަ ދުވަހު ބޮން އަޅައިފިއެވެ.
މި ހަމަލާތަކުގައި މަދުވެގެން 9 މީހުން މަރުވެ، 118 މީހުންނަށް އަނިޔާވެފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.

Ad by Hajj Corporation
ހޫތީންގެ އަލް-މަސީރާ ޓީވީން ހާމަކުރި ގޮތުގައި، މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސަނާގެ ހުޅަނގު ދެކުނުގައިވާ 60 ވަނަ މަގުގައި ހުންނަ މެޑިކަލް ފެސިލިޓީއަކަށާއި، ޔަމަނުގެ ސެންޓްރަލް ބޭންކުގެ މައި އޮފީހަށާއި، އަލް-ޖައުފް ޕްރޮވިންސްގައި ހުންނަ ސަރުކާރުގެ ކޮމްޕްލެކްސްއަކަށެވެ.
މީގެ އިތުރުން '26 ސެޕްޓެމްބަރު' އިމާރާތަށާއި، ޔަމަން ނޫސް ކުންފުނިތަކުގެ އޮފީސްތަކަށާއި އާންމު ރައްޔިތުންގެ ގޭގެއަށްވެސް ހަމަލާ ދީފައިވެއެވެ.
އަލް-މަސީރާ ޗެނަލުން އިތުރަށް ހާމަކުރި ގޮތުގައި، އިސްރާއީލުން މި ހަމަލާތައް ދިން ވަގުތު ހޫތީންގެ ވައިގެ ދިފާޢީ ނިޒާމުތަކުން އިސްރާއީލުގެ ބޯޓުތަކަށް ހަމަލާދީފައިވެއެވެ.
ފާއިތުވި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހޫތީން ދަނީ އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އުދުވާނީ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިސްރާއީލުގެ އަމާޒުތަކަށް މިސައިލް އަދި ޑްރޯން ހަމަލާ ދެމުންނެވެ. އަދި ރެޑް ސީއާއި، ގަލްފް އޮފް އޭޑަން އަދި އަރަބި ކަނޑުގައި ދުއްވާ ވިޔަފާރި އުޅަނދުތަކަށްވެސް ހަމަލާދެމުން އަންނަނީ ޣައްޒާގައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުންނެވެ.
ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމާގައި މިހާތަނަށް 64,600 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ.