ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެއްޖެ
11 ސެޕްޓެމްބަރު 2025 - 06:57

އަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައިފިއެވެ.
އެމްއެމްއޭގެ މަންތުލީ ސްޓެޓިސްޓިކްސް ރިޕޯޓުން ދައްކާގޮތުން މި މުއްދަތުގެ ތެރޭގައި ފަތުރުވެރިކަމަށް ވަނީ ކުރިއެރުން ލިބިފައެވެ.

Ad by Hajj Corporation
އެމްއެމްއޭގެ ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ ފުރަތަމަ 7 މަސްދުވަހު ގެސްޓްހައުސްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %43.2 ގައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އޮކިއުޕަންސީ ރޭޓް ހުރީ %34.3 ގައެވެ. އެހެންކަމުން މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %8.9 އިތުރު އަދަދެކެވެ.
މި މުއްދަތުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޅި ޖުމްލަ 835 ގެސްޓްހައުސެއް ވަނީ ހުޅުވާފައެވެ. އަދި ގެސްޓްހައުސްތަކުގެ އޮޕަރޭޝަނަލް ބެޑް ކެޕޭސިޓީއަކީ 14،218 އެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.5 މިލިޔަން ފަތުރުވެރިން ވަނީ އައިސްފައެވެ. މީގެތެރެއިން 334،027 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން %21.8 އެވެ.
ފުރަތަމަ 7 މަސްދުވަހު ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް އިތުރުވެފައިވާއިރު ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓްވެސް ވަނީ އިތުރުވެފައެވެ. ހޮޓެލްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %34.3 ގައެވެ. އަދި ރިސޯޓްތަކުގެ އޮކިއުޕަންސީ ރޭޓް ހުރީ %69.5 ގައިކަމަށް އެމްއެމްއޭގެ ރިޕޯޓުން ދައްކައެވެ.