އިގްތިސާދަށް ދުޅަހެޔޮކަން، ރަސްމީ ރިޒާވަށް ބޮޑު ކުރިއެރުމެއް

14 އޮކްޓޯބަރު 2025 - 03:24

މިދިޔަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ރަސްމީ ރިޒާވް 860 މިލިޔަން ޑޮލަރަށް އަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކުރި އެންމެ ފަހުގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޯގަސްޓް މަހާ އަޅާބަލާއިރު 50 މިލިޔަން ޑޮލަރުގެ ކުރިއެރުމެކެވެ.

Ad by Hajj Corporation
އެމްއެމްއޭގެ ތަފާސް ހިސާބުތަކުން އިތުރަށް ދައްކާގޮތުގައި، ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި 116.64 މިލިޔަން ޑޮލަރު ހުއްޓެވެ. ނަމަވެސް، ކުރު މުއްދަތުގައި ދައްކަންޖެހޭ ބޭރުފައިސާގެ އިލްތިޒާމުތައް ވަނީ 781.75 މިލިޔަން ޑޮލަރަށް އިތުރުވެފައެވެ.
ވަގުތުން ބޭނުންކުރެވޭ ރިޒާވަށް ބަލާއިރު، ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި އަދަދު ހުރީ 194.35 މިލިޔަން ޑޮލަރުގައެވެ. ބޭނުންކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވާއި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމަންޓުން، ކުރު މުއްދަތުގެ ބޭރުފައިސާގެ އިލްތިޒާމުތައް އުނިކުރުމަށްފަހު ކަމަށް އެމްއެމްއޭއިން ބުނެއެވެ.
ރާއްޖޭގެ ރިޒާވު ހަރުދަނާކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރޭގައި، ބޭރުފައިސާގެ އައު ޤާނޫނުގެ ދަށުން ބޭންކުތަކަށް ލިބޭ ޑޮލަރުގެ 60 އިންސައްތަ އެމްއެމްއޭއަށް ނެގުން ހިމެނެއެވެ. އަދި ބޭންކް އޮފް އިންޑިއާއާއެކު ވެފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމަކީވެސް ރިޒާވަށް އެހީތެރިވެދޭނެ ކަމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.
ރާއްޖެއިން އެންމެ ބޮޑު ދަރަންޏެއް ދައްކަންޖެހެނީ މިއަހަރާއި އަންނަ އަހަރެވެ. ރިޒާވް ހަރުދަނާވުމަކީ ދަރަނިތައް ދެއްކުމަށް ލިބޭނެ ލުޔެކެވެ.