އެމްއެމްއޭއިން ރޯދަ މަހު ބޭންކުތަކަށް ދޫކުރާ ޑޮލަރު އިތުރުކޮށްފި
18 ފެބްރުއަރީ 2026 - 10:27

ރޯދަ މަހު ކާބޯތަކެތި އިމްޕޯޓްކުރުމަށް އެހީތެރިވުމުގެ ގޮތުން، ބޭންކުތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އިތުރުކޮށްފިއެވެ.
އެމްއެމްއޭ އިން ބުނީ، މި ރަމަޟާން މަހު ވިޔަފާރިވެރިންނަށް ބާޒާރުގައި ކާބޯތަކެތި ފަސޭހައިން ލިބޭނެގޮތް ހޯދައިދިނުމަށްޓަކައި، ރާއްޖޭގެ ބޭންކުތަކަށް ދޫކުރާ ބޭރު ފައިސާގެ މިންވަރު އިތުރުކުރަން ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation
އެގޮތުން، 17 ފެބްރުއަރީ 2026 އިން ފެށިގެން ތިން ހަފުތާގެ މުއްދަތަށް ޢަމަލުކުރާ މި ޚާއްޞަ އުސޫލުގެ ދަށުން، އެމްއެމްއޭ އިން ބޭންކުތަކަށް އާއްމު އުސޫލުގެ ދަށުން ވިއްކާ މިންވަރަށްވުރެ 32 އިންސައްތަ އިތުރުކުރާނެއެވެ. މިއީ، ރަމަޟާން މަހުގައި އަސާސީ ކާބޯތަކެތި އެތެރެކުރުމަށް ބޭންކުތަކުން ބޭރު ފައިސާ ހޯދުމަށް ކުރާ ޑިމާންޑް ބޮޑުވާތީ، އެކަމަށް ލުޔެއް ހޯދައިދިނުމަށް އެޅި ފިޔަވަޅެއް ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ހާމަކުރިގޮތުގައި، ބޭރު ފައިސާ އިތުރަށް ދޫކުރުމުގެ ސަބަބުން މުދާ އެތެރެކުރާ ފަރާތްތަކަށް ބޭރުގެ ސަޕްލަޔަރުންނަށް ފައިސާ ދެއްކުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި އާންމުކޮށް ކާބޯތަކެތި ބޭނުންކުރާ މިންވަރު އިތުރުވާ މި ދަނޑިވަޅުގައި، މުދާ އެތެރެކުރުމުގެ ނިޒާމަށް ކުރިމަތިވާ ތާށިކަން ކުޑަވެ، ރާއްޖޭގެ ބާޒާރުގައި އަސާސީ މުދާ މެދުނުކެނޑި ލިބެން ހުރުމަށް މިކަމުން މަގުފަހިވާނެއެވެ.
މި ފިޔަވަޅަކީ، ބޭރު ފައިސާގެ ބާޒާރު ހަރުދަނާކުރުމަށާއި ބޭންކިންގ ނިޒާމަށް އެހީތެރިވުމަށް މަރުކަޒީ ބޭންކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެޅި މުހިންމު ފިޔަވަޅެކެވެ. އެގޮތުން، މިފަދަ ފިޔަވަޅުތަކަކީ ރަމަޟާން މަހާއި ދިމާކޮށް ބޭރު ފައިސާއަށް އަންނަ މޫސުމީ ޑިމާންޑް މެނޭޖްކުރުމަށް އެ އޮތޯރިޓީން ގެންގުޅޭ ޚާއްސަ ސިޔާސަތެއް ކަމަށް އެމްއެމްއޭ އިން ފާހަގަކުރެއެވެ.


