ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއް
27 މާރިޗު 2026 - 10:11

ދައުލަތުގެ އާމްދަނީއަށް 4.4 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.
މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައިވާ ގޮތުން މިމަހުގެ 19ގެ ނިޔަލަށް ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ މިންވަރު ވަނީ 9.4 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 9.0 ބިލިޔަން ރުފިޔާއާ އަޅާބަލާއިރު 4.4 އިންސައްތައިގެ ކުރިއެރުމެކެވެ.
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު ފައިސާ އިތުރުވުމެވެ. ޓެކްސް އާމްދަނީ ވަނީ 7.7 ބިލިޔަން ރުފިޔާއަށް އަރާފައެވެ. މިއީ ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީގެ ގާތްގަނޑަކަށް 82 އިންސައްތައެވެ.
ރިޕޯޓުގައިވާ ގޮތުން އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. އެގޮތުން ޖީއެސްޓީގެ ގޮތުގައި 4.0 ބިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 10.8 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ)ގެ ގޮތުގައި ލިބުނު 2.9 ބިލިޔަން ރުފިޔާ އާއި، އާންމު ޖީއެސްޓީގެ ގޮތުގައި ލިބުނު 1.1 ބިލިޔަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވެސް 24.8 އިންސައްތަ އިތުރުވެ، 2.2 ބިލިޔަން ރުފިޔާއަށްވަނީ އަރާފައެވެ.
ޓެކްސްގެ އެހެނިހެން ދާއިރާތަކުން ލިބުނު އާމްދަނީއަށް ބަލާއިރު، ކޯޕަރޭޓް އިންކަމް ޓެކްސްގެ ގޮތުގައި 1.2 ބިލިޔަން ރުފިޔާ، އަދި ރާއްޖޭގައި ވަޒަންވެރި ނުވާ ފަރާތްތަކުން ނަގާ ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި 426.2 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ. ގްރީން ޓެކްސްގެ ގޮތުގައި 497.3 މިލިޔަން ރުފިޔާ ލިބިފައިވާއިރު، އެއަރޕޯޓް ސަރވިސް ޗާޖާއި ޑިޕާޗަރ ޓެކްސްގެ ގޮތުގައި 427.7 މިލިޔަން ރުފިޔާ ލިބިފައިވެއެވެ.

Ad by Hajj Corporation
ދައުލަތުގެ ޚަރަދުތަކަށް ބަލާއިރު، މިމަހުގެ 19ގެ ނިޔަލަށް ޖުމުލަ ޚަރަދު ހުރީ 7.3 ބިލިޔަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 އިންސައްތައިގެ ދަށްވުމެކެވެ. ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓް ޚަރަދު 10.5 އިންސައްތަ ދަށްވެފައިވާއިރު، ކެޕިޓަލް ޚަރަދު ވަނީ 7.8 އިންސައްތަ ދަށްވެފައެވެ.
ނަމަވެސް، ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް ހަމަހަމަކުރުމަށް ނޮވެންބަރު 2025ގައި އަމަލުކުރަން ފެށި ސިޔާސަތާއެކު، މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރި ޚަރަދު ވަނީ 3.0 އިންސައްތަ އިތުރުވެ، 2.7 ބިލިޔަން ރުފިޔާއަށް އަރާފައެވެ.


