ރާއްޖޭގެ ރަސްމީ ރިޒަރވް ބިލިޔަނަކަށް ވުރެ މައްޗަށް!
21 ފެބްރުއަރީ 2026 - 11:55

ރާއްޖޭގެ ރަސްމީ ރިޒާވު މިފަހުން ބިލިޔަނަކަށް ފުރަތަމަ ފަހަރަށް އަރައިފިއެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުން ދައްކާގޮތުގައި ޖަނަވަރީ މަހުގެ ނިޔަލަށް ރަސްމީ ރިޒާވް ހުރީ 1.03 ބިލިޔަން ޑޮލަރެވެ. އަދި މިދިިޔަ އަހަރު ނިންމާލިއިރު މިއަދަދު ހުރީ 983.04 މިލިޔަން ޑޮލަރުގައެވެ. މިއީ 4 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation
ތަފާސް ހިސާބުން ދައްކާގޮތުގައި މީގެ ކުރިން ރަސްމީ ރިޒަރވް މިވަރަށް މަތިވީ 2020 ވަނަ އަހަރެވެ. އޭރު މިއަދަދު އިތުރުވެގެން ދިޔައީ، ރިޒާވް ބޭންކް އޮފް އިންޑިއާއާއެކު ސޮއިކޮށްފައިވާ 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕް ފެސިލިޓީގެ އެއަހަރު ތެރޭ ބޭނުން ކުރުމުންނެވެ. އެއަހަރުގެ ޑިސެންބަރު މަހު އޭރުގެ ސަރުކާރުން ޚަރަދުތައް ފޫބެއްދުމަށް 250 މިލިޔަން ޑޮލަރުގެ ބޮންޑެއް ވިއްކާފައިވެއެވެ.
ރަސްމީ ރިޒާވަށް ހެޔޮ ބަދަލެއް އައިސްފައިވާއިރު، ބޭނުން ކުރެވޭ ރިޒާވަށް ވެސް ވަނީ އިތުރުވެފައެވެ. ބޭނުން ކުރެވޭ ރިޒާވު ގުނަނީ، ރަސްމީ ރިޒާވު އަދި ރަސްމީ ރިޒާވުގައި ނުހިމެނޭ އިންވެސްޓްމެންޓުގެ ގޮތުގައި ހުރި ބޭރުފައިސާގެ އަދަދުން، ކުރިއަށް އޮތް އަހަރު ދުވަހަށް ނުވަތަ އެއަށްވުރެ ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ކެނޑުމަށްފަހުއެވެ.
މިއީ ރިޒާވުން ވަގުތުން ބޭނުން ކުރަން ހުރި އަދަދެވެ. ޖަނަވަރީ މަހުގެ ނިޔަލަށް ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ހުރީ، 839.8 މިލިޔަން ޑޮލަރުގައެވެ. މިއާއެކު ބޭނުންކުރެވޭ ރިޒާވުގައި ޖަނަވަރީ މަސް ނިންމާލިއިރު، 301.4 މިލިޔަން ޑޮލަރު ހުރިއެވެ. މިއީ ބޭނުން ކުރެވޭ ރިޒާވު މީގެ 2 އަހަރު ކުރިން ހީނަރުވުމަށް ފަހު މިދިޔަ އަހަރުން ފެށިގެން އަންނަ ހެޔޮ ބަދަލާއެކު މިވަރަށް މައްޗަށް ޖެހިލި ފުރަތަމަ ފަހަރެވެ. މިދިޔަ އަހަރު ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި ހުރީ 244.1 މިލިޔަން ޑޮލަރެވެ. އެހެން ކަމުން މިއީ 25 އިންސައްތައިގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ރިޒާވް ހަރުދަނާވުމަށް މެދުވެރިވީ އެއް ސަބަބަކީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވުމެވެ. މިިދިޔަ އަހަރު ޖެނުއަރީ މަހު އަމަލުކުރަން ފެށި ބޭރު ފައިސާގެ ޤާނޫނުން ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ބޮލަކަށް ޖެހޭ ނިސްބަތުން ބޭންކުތަކަށް ފަތުރުވެރިކަމުން ލިބޭ ބޭރުފައިސާ މާރު ކުރަން ޖެހެއެވެ. މިއާއެކު މިގޮތަށް މާރުކުރެވޭ ޑޮލަރުން އެއްބައި އަނބުރާ ބޭންކުތަކަށް އެމްއެމްއޭއިން ރީއެލޮކޭޓް ކުރެއެވެ. މިއަހަރު ރޯދަމަހާއި ދިމާކޮށް އެމްއެމްއޭއިން ވަނީ މުދާ އިމްޕޯޓް ކުރާ ފަރާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުކޮށްދީފައެވެ. އެއިދާރާއިން ވިދާޅުވީ މި ބަދަލާއެކު އާންމުކޮށް ޑޮލަރު ދޫކުރާ މިންވަރަށް ވުރެ 32 އިންސައްތަ އިތުރަށް މިހާރު ބޭންކުތަކުން ފެބްރުއަރީ 17 ވަނަ ދުވަހުން ފެށިގެން 3 ހަފްތާގެ މުއްދަތައް ވިޔަފާރިތަކަށް ޑޮލަރު ދޫކުރާނެ ކަމަށެވެ.


