logo
ޚަބަރު

ވަގަށް ނެރުނު ސިނގިރޭޓްތަކަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

އައިމިނަތު މޫސާ
12 ސެޕްޓެމްބަރު 2025 - 10:14
ވަގަށް ނެރުނު ސިނގިރޭޓްތަކަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ރާއްޖެއަށް އެތެރެކޮށް، ބޮންޑުކޮށްފައިވާ ސިނގިރޭޓްތަކެއް ކަސްޓްމަސްއަށް ނާންގާ ސިރުން ބޭރުކޮށްފައިވަނިކޮށް އޭގެ ޑިއުޓީއަށް 20 މިލިއަން ރުފިޔާ، ދެ ހަފުތާ ތެރޭ ދައްކަން އަމިއްލަ ކުންފުންޏެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

މިއީ 2018 ވަނަ އަހަރު، އެސްޖީއެމް ކިޔާ ކުންފުންޏަކުން އެތެރެކުރި ސިގިރޭޓްތަކެއްގެ މައްސަލައެވެ. މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި 2018 ވަނަ އަހަރުގެ 27 އޭޕްރިލް އަދި 4 ޖޫންގައި ރާއްޖެއަށް އެތެރެކޮށްފައިވާ ސިނގިރޭޓަށް ޑިއުޓީ ނުދައްކައި ބޭރު ކުރި މައްސަލައިގައި ކަސްޓަމްސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދައުވާގެ ހުލާސާގައި ބުނެފައިވަނީ އެ މުއްދަތުގައި އެސްޖީއެމް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކުން އެ ކުންފުނީގެ ނަމުގައި ރާއްޖެއަށް ގެނެސް ބޮންޑުކޮށްފައިވާ 430 ކޭހުގެ އެމެރިކަން ލެޖެންޑް ބްރޭންޑުގެ ސިނގިރޭޓާއި 250 ކޭހުގެ އަފްޒަލް މޮލްސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯގެ ތެރެއިން، 250 ކޭހުގެ އެމެރިކަން ލެޖެންޑް ބްރޭންޑުގެ ސިނގިރޭޓާއި 130 ކޭހުގެ އަފްޒަލް މޮލްސެސް ބްރޭންޑުގެ ޕައިޕް ޓޮބޭކޯއަށްވާ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ދައްކަން ޖެހޭ 20،720،412.54 (ވިހިމިލިއަން ހަތްލައްކަ ވިހިހާސް ހަތަރުސަތޭކަބާރަ ރުފިޔާ ފަންސާސް ހަތަރު ލާރި) ކަސްޓަމްސްއަށް ނުދައްކައި އަދި އެ އިދާރާއަށް ވަގަށް އެތަކެތި ބޭރު ކުރުމުން އެ ފައިސާ އެއް ފަހަރާ ނަގައި ދިނުމަށް ހުށަހެޅުނު މައްސަލައެއް ކަމަށެވެ.

ކަސްޓަމްސްއިން އެ ފައިސާ ހޯދަން ދައުވާ ކޮށްފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި ދައުވާގައި ކަސްޓަމްސްއިން އެދިފައިވަނީ އެ ފައިސާ އެކީ އެއް ފަހަރާ އެ ކުންފުނިން ހޯދުމަށެވެ.

މިމައްސަލައިގައި އިއްޔެ ހުކުމް ކޮށްފައިވާއިރު، އެ ރިޕޯޓުގައި ބުނެފައިވަނީ ދައުވާ ލިބޭ ފަރާތަށް މި މައްސަލައިގެ ދައުވާ ފޯމާއި ލިޔުންތައް ރައްދުކުރުމަށް މަސައްކަތް ކުރި ނަމަވެސް ދައުވާ ލިބޭ ފަރާތުގެ މިހާރު އެޑްރެސް ކަމަށް ދައުވާ ކުރާ ފަރާތުން ދައުވާ ފޯމުގައި ބަޔާންކޮށްފައިވާ އެޑްރެހަަށް ލިޔުންތައް ރައްދުކުރެވިފައި ނުވާ ކަމަށެވެ. އަދި އެފަރާތަށް ގުޅޭނެ އިތުރު ގޮތެއް ވެސް ހޯދިފައި ނުވާ ކަމަށް ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ކޯޓުން ވަނީ އެ ކުންފުނި ހޯދަން އިއުލާނު ވެސް ކޮށްފައެވެ. ނަމަވެސް އެ ކުންފުނިން ކޯޓަށް ހާޒިރުވެފައި ނުވާތީ، މައްސަލަ ނިންމާފައިވަނީ ކުންފުނީގެ ޣައިރު ހާޒިރުގައެވެ.

މި މައްސަލައިގެ ހުކުމްގައި ގާޒީ އަބްދުއްނާސިރު ޝަފީގު އަމުރުކޮށްފައިވަނީ 14 ދުވަހުގެ ތެރޭގައި އެ ފައިސާ ކޯޓަށް ދެއްކުމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭގައި ބަނގުރަލުގެ ވިޔަފާރިކުރަމުންދިޔަ ދެ ބިދޭސީއަކު ޑީޕޯޓްކޮށްލަނީޚަބަރު | 7 ގަޑިއިރު ކުރިންވަގަށް ނެރުނު ސިނގިރޭޓްތަކަށް 20 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފިޚަބަރު | ދުވަހެއް ކުރިންޓެރަރިޒަމް މައްސަލައެއްގައި މާލޭގެ ތަންތަން ބަލާ ފާސްކުރަނީޚަބަރު | 2 ދުވަސް ކުރިންކުޅުދުއްފުށި ސިޓީގައި ޓެކްސީ ޑްރައިވަރުންގެ ތަމްރީން ފަށައިފިޚަބަރު | 3 ދުވަސް ކުރިން