މާލޭގައި ގަވައިދާ ހިލާފަށް އުޅެމުން ދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
13 ސެޕްޓެމްބަރު 2025 - 04:38

ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން، ރޭ ޓާސްކް ފޯސްއިން މާފަންނުގައި ބިދޭސީއަކު އިސްވެ ގަވައިދާ ހިލާފަށް ހިންގަމުންދިޔަ ކެފޭއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އެ ރެއިޑުގައި ގަވާއިދާ ހިލާފަށް ސައްހަ ވިސާއެއްނެތި އުޅެމުންދިޔަ ބިދޭސީ 2 ފިރިހެނަކާއި ބިދޭސީ އަންހެނަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އިމިގްރޭޝަނުން ބުނެއެވެ.

Ad by Hajj Corporation
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަގުސަދަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި އާންމު ސިއްހަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމަކީވެސް އޮޕަރޭޝަންތަކުގެ މަގުސަދެއްކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަނުން ބުނީ 2023 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 17 ވަނަ ދުވަހުން ފެށިގެން މިހާތަނަށް ޤަވާއިދާ ޚިލާފަށް އުޅުނު 8،000 އަށް ވުރެ ގިނަ ބިދޭސީން ފޮނުވާލެވިފައިވަކަމަށެވެ.
އިމިގްރޭޝަނުން ފޮނުވާލި ބިދޭސީންގެ ތެރޭގައި ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި ޑޮކިއުމަންޓްތައް ފުރިހަމަ ނޫން މީހުން ގިނަ އަދަދަކަށް ހިމެނެއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވާ މަސައްކަތުގެ ފުރަތަމަ މަރުހަލާގެ ދަށުން "އޮޕަރޭޝަން ކުރަނގި" ފަށާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 3ވަނަ ދުވަހުއެވެ.