ޗެންޕިއަން ބާސެލޯނާ ގަދަކޮށް އެނބުރި އައިސްފި
15 ސެޕްޓެމްބަރު 2025 - 05:52

ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ވެލެންސިއާ އާ ދެކޮޅަށް ކުޅުނު މެޗުގައި 6-0 ގެ ބޮޑު ތަފާތަކުން މޮޅުވެއްޖެއެވެ. ލޮނުމަޑުކޮށް ބާސެލޯނާއިން މި ސީޒަން ފަށާފައިވާއިރު، އެންމެ ފަހުން ލީގުގައި ކުޅުނު މެޗުން އެއްވަރުވެ، މިމެޗަށް ނިކުތްއިރު ބާސާ އޮތީ ތާވަލުގެ 5 ވަނައިގައެވެ.
އިންޓަރނޭޝަނަލް ބްރޭކަކަށްފަހު އަލުން ލީގަށް ނިކުމެ ކުޅުނު މި މެޗުގައި ފަރމިން ލޯޕެޒް، ރަފިނިޔާ އަދި ރޮބަޓް ލެވަންޑޮވްސްކީ ދެ ގޯލު ޖަހައިފައިވެއެވެ.

Ad by Hajj Corporation
މެޗުގެ ދެވަނަ ހާފުގައި ކުޅެން ނުކުތް ރަފީނިޔާގެ ފުރަތަމަ ގޯލު އައީ އިނގިރޭސި ކުޅުންތެރިޔާ މާކަސް ރަޝްފޯޑްގެ ހުރަހަކުންނެވެ. ލޯނު އެއްބަސްވުމެއްގައި މެންޗެސްޓަރ ޔުނައިޓެޑުން ބާސާއަށް ބަދަލުވެފައިވާ ރަޝްފޯޑުއަށް މިމެޗުގައި ގޯލުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބު ވަނީ ބޭނުންކުރެވޭގިތް ނުވެފައެވެ.
މެޗުގެ ފުރަތަމަ ގޯލު ޖެހީ ފަރމިން ލޯޕެޒް އެވެ. އޭނާ މި ގޯލު ޖެހީ ފެރަން ޓޯރެސްގެ ޕާހަކުންނެވެ. އޭގެ ފަހުން ލޯޕެޒް ޖެހި ތިންވަނަ ގޯލަކީ ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ފުރިހަމަ ގޯލެކެވެ. ރަފީނިޔާ ޖެހި ހަތަރުވަނަ ގޯލަކީވެސް ވަރަށް ރީތި ގޯލެކެވެ.
ސަބްސްޓިޓިއުޓެއްގެ ގޮތުގައި ކުޅެން ނުކުތް ލެވަންޑޮވްސްކީ ޖެހި ދެ ގޯލުގެ ތެރެއިން ފުރަތަމަ ގޯލު ޖެހީ އޮލްމޯގެ ޕާހަކުންނެވެ. އޭނާގެ ދެވަނަ ގޯލު ވީއޭއާރުގެ އެހީގައި ގޯލެއްގެ ގޮތުގައި ނިންމާފައިވަނީ އޮފްސައިޑް ކަމަށް ފުރަތަމަ ނިންމި ނިންމުން ބަދަލުކުރުމަށް ފަހުގައެވެ.
މި މެޗު ކުޅުނީ 6،000 މީހުންގެ ޖާގައިގެ ޔޯހާން ކްރޯއިފް ސްޓޭޑިއަމްގައެވެ. މި ސްޓޭޑިއަމަކީ އާންމުކޮށް ބާސާގެ ބީ ޓީމުގެ މެޗުތައް ކުޅޭ ސްޓޭޑިއަމެވެ. ނޫކޭމްޕް އަލުން ތަރައްގީ ކުރުމުގެ މަސައްކަތް ނިމިފައި ނުވާތީ މި މެޗު ކުޅެންޖެހުނީ މި ސްޓޭޑިއަމްގައެވެ.