ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު މަޖިލީހުން ފާސްކޮށްފި
15 ސެޕްޓެމްބަރު 2025 - 06:11
.webp&w=3840&q=75)
ރައްޔިތުންގެ ހިޔާލު ހޯދުމަށް އާންމު ވޯޓެއް ނެގުމާގުޅޭ ގަރާރު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާތާ 3 މަސް ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަންޖެހޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވި ބިލު މަޖިލީހުން ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން "ރައްޔިތުންގެ ޚިިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު" ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އިނގުުރައިދޫ ދާއިރާގެ މެންބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހެވެ.

Ad by Hajj Corporation
މިއަދު މި ބިލު ފާސްކޮށްފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން، ބިލު ދިރާސާކޮށް ނިންމި ރިޕޯޓަށް މަޖިލީހުގައި ބަހުސް ކުރެއްވުމަށްފަހުއެވެ. ބިލަށް ތާއިދުކޮށް، ބިލު ފާސްކުރުމަށް 64 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، ބިލާއި ދެކޮޅަށް ވޯޓު ދެއްވީ 12 މެމްބަރުންނެވެ.
މި ބިލު ހުށަހެޅުއްވީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގޭ ހާލަތްތަކާއި އެ ވޯޓު ނެގުމަށް ހުށަހަޅާ ފަރާތްތަކުގެ ދައުރާއި ޒިންމާ އަދި އިލެކްޝަންސް ކޮމިޝަނުން އަމަލުކުރާ އުސޫލުތައް ޤާނޫނެއްގައި ބަޔާންކުުރުމަށެވެ. މި ބިލުގައިވާގޮތުން ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައްޔިތުންގެ މަޖިލީހުންނެވެ. އަދި ޤައުމީ މުހިންމު މައްސަލަތަކާ ގުޅިގެން އާންމު ވޯޓަކަށް ދިއުމަށް ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.
ރައްޔިތުންގެ ވޯޓާއެކު ބަދަލުގެނެވޭނެ ޤާނޫނުއަސާސީގެ މާއްދާތައް:
-ގާނޫނުއަސާސީގެ އަސާސީ ހައްގުތަކާއި މިނިވަންކަމުގެ ބާބުގައި ހިމެނޭ އެއްވެސް މާއްދާތައް
- ރައްޔިތުންގެ މަޖިލީހުގެ އުމުރު ކަނޑައެޅުމުގެ މާއްދާ
- ރިޔާސަތުގެ ދައުރާ ގުޅޭ މާއްދާ
- ރައީސުލްޖުމްހޫރިއްޔާ އިންތިޚާބު ކުރާ ގޮތް
- ރައީސުލްޖުމްހޫރިއްޔާ ބިލު ތަސްދީގުކުރެއްވުމާ ގުޅޭ މާއްދާ
- ދިވެހިރާއްޖޭގެ ސަރަހައްދާ ގުޅޭ މާއްދާ
ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކުރީ ބަދަލުތަކަކާ އެކުގައެވެ.
ކޮމިޓީން ބިލަށް ގެނައި އިސްލާހުތައް:
- ރައްޔިތުންގެ ޚިޔާލު ހޯދުމަށް ވޯޓު ނެގުމަށް މަޖިލީހުން ގަރާރު ފާސްކޮށް ކޮމިޝަނުގައި އެދޭ ތާރީހުން ނުވަތަ ރައީސުލްޖުމްހޫރިއްޔާ ގަރާރު ނެރުއްވާ ތާރީހުން ފެށިގެން ވޯޓު ނެގުމާމެދު މަދުވެގެން 45 ދުވަސް އޮންނަން ޖެހޭނެ ކަމަށް ބުނާ މާއްދާ އަށް ބަދަލުގެނެސް 45 ދުވަހަށްވުރެ މަދު މުއްދަތެއްގެ ތެރޭ ވޯޓު ނެގުމުގެ އިޚްތިޔާރު އީސީ އަށް ދިނުން.
- ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ފާސްވާނީ، ސައްޙަ ވޯޓު 50 އިންސައްތައަށްވުރެ މަތިން ލިބިގެންކަމަށް ބުނާ މާއްދާއެއް އިތުރުކުރުން.
- ވޯޓަށް ބޭނުންވާ ފައިސާއަށް އެދޭތާ 10 ދުވަހުގެ ތެރޭ އެކަން ފިނޭންސް މިނިސްޓްރީން އީސީއަށް ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ބުނެ މާއްދާއެއް އިތުރުކުރުން.
އާންމުންގެ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް މިހާތަނަށް ގާނޫނެއް ނެތެވެ.