ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ޑިސެމްބަރު މަހު ހުޅުވަނީ
.jpg&w=3840&q=75)

27 ސެޕްޓެމްބަރު 2024 - 14:07
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓީމިނަލް ޑިސެމްބަރު މަހު ހުޅުވާލެވޭނެ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ވަޒީރު ފައިސަލް ދެއްވި ހާއްސަ މެސެޖެއްގައި ވިދާޅުވީ މި ވަގުތު ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއަށް ބޭނުންވެފައިވާ އެންމެ މުހިންމު އެއްކަމަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވި އޮޕަރޭޝަން ފެށިގެން ދިއުން ކަމަށެވެ.
" އަޅުގަނޑުމެން އުންމީދު ކުރަނީ މި އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޓާމިނަލް ހުޅުވާލެވޭނެ ކަމަށް. އަދި މުޅި އެއާޕޯޓް ފުލީ ފަންގްޝަން ކުރަން ފެއްޓޭވަރު އަންނަ އަހަރުގެ ފުރަތަމަ ނުވަތަ ދެވަނަ ކުވާޓަރުގައި ކުރެވޭނެ ކަމަށް." ވަޒިރު ފައިސަލް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ އެއާއެކުގައި 7.5 މިލިއަން ފަތުރުވެރިންނަށް އެއް ފަހަރާ އެއާޕޯޓުން ކޭޓާ ކުރެވޭ ކަމަށެވެ. އެއީ ވަރަށް ބޮޑު ކުރިއެރުމަކަށް ވާނެ ކަމަށް ވިދާޅުވިއެވެ. އަދި އާ އެއާލައިންތަކުން ރާއްޖެއަށް ދަތުރުތައް ފަށާނެ ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ އިތުރުން ވަޒީރު ވިދާޅުވީ އެމްއެމްޕީއާރްސީއާއި ގުޅިގެން ލޯ ސީޒަންގައި ރާއްޖޭއަށް ޒިޔާރަތްކުރާ ފަތުރުވެރިން އިތުރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ސްޓޭކް ހޯލްޑަރުންނާއިއެކުގައި ވެސް ގިނަ މަސައްކަތްތަކެއް ކުރައްވާނެކަންވެސް ފާހަގަކުރެއްވިއެވެ.
އެގޮތުން އިތުރު މާކެޓްތަކުގައި ރާއްޖެ ޕްރޮމޯޓްކުރުމުގެ ގިނަ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އޭގެ ނަތީޖާއަކަށް ވާނީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވެގެން ދިއުމުން ކަމަށް ވަޒީރު ވިދާޅުވިއެވެ.