އައްޑޫ ސިޓީގެ އިދާރީ ދާއިރާ ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯދަނީ
17 ސެޕްޓެމްބަރު 2025 - 10:06

ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގެ އިދާރީ ކަންކަމާއިގެން އިލެކްޝަންސް ކޮމިޝަނުން ކުރިއަށްދާނެ ގޮތެއް ދައްކައިދޭން ޖެހިފައި އޮތް އިރު، ރައްޔިތުންގެ ޚިޔާލު ހޯއްދަވައިގެން މެނުވީ އެއްވެސް އިސްލާހެއް ގެނައުމަށް އެދިވަޑައިނުގަންނަވާ ކަމަށާ، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ ކަންކަން ކަނޑައެޅުމުގައި ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް ނެގިގެންދާނީ ތާރީޚީ ވޯޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation
ރިޔާސީ އިންތިޚާބުގެ ތެރޭގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރެއްވިއިރު، ސިޓީއެއްގެ ގޮތުގައި އައްޑޫ ސިޓީ އުފެދިފައި އޮތް އޮތުމާ ގުޅިގެން ބައެއް ރައްޔިތުންގެ ކަންބޮޑުވުންތައް ހުރިކަމަށާ، އެކަމުގައި، ރައްޔިތުން އެދިވަޑައިގަންނަވާ ފަދަ ދާއިމީ ޙައްލެއް ހޯއްދަވައިދެއްވާނެކަމަށް ވަޢުދުވެވަޑައިގެންފައިވާނެ ކަމުގައި ވިދާޅުވެ ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އައްޑޫ ސިޓީގެ ލާމަރުކަޒީ ނިޒާމު އޮންނާނެ ގޮތް ކަނޑައަޅުއްވާނީ އެ ސިޓީގެ ރައްޔިތުންކަމަށެވެ.
"މި ވޯޓުގައި މި އަހާ ސުވާލަކީ، މިސާލަކަށް ހުޅުދޫ ރައްޔިތުންގެ މެދުގައި ނަގާނެ ވޯޓެއް. ހުޅުދޫ ރައްޔިތުން ބޭނުންވަނީ، އައްޑޫ ހުޅުދޫ ކައުންސިލް، އަޅުގަނޑުމެން ހުރިހާ ރަށަކަށް އައްޑޫލާފައި.އައްޑޫ ހުޅުދޫ ކައުންސިލްގެ ގޮތުގައި ކައުންސިލެއް އުފެއްދުންތޯ ނޫނީވިއްޔާ ހަމަ މިހާރު އެ އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ބައެއްގެ ގޮތުގައި އޮންނަންތޯ. ހަމަ އެގޮތަށް މީދޫ. އައްޑޫ މީދޫ ކައުންސިލް އުފައްދަންތޯ ނޫނީވިއްޔާ، ހަމަ މިހާރު އޮތްގޮތަށް އައްޑޫ ސިޓީގެ ކައުންސިލްގެ ގޮތުގައި އޮންނަންތޯ. ފޭދޫވެސް، އައްޑޫ ފޭދޫ ކައުންސިލްގޮތަށް ވާންތޯ ނޫނީވިއްޔާ މިހާރު އޮތް ގޮތަށްތޯ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު
ބިލް ފާސްވެ، ޤާނޫނަކަށް ވާ ހިސާބުން، އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރައްވައިގެން، ވީ އެންމެއަވަހަކަށް، އައްޑޫ ސިޓީ ރައްޔިތުންގެ މެދުގައި ވޯޓަށް އެއްސެވުމަށް ނިންމަވާފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އޮކްޓޯބަރ މަހުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ވޯޓަކީ، އައްޑޫ ސިޓީގެ ކޮންމެ ރަށެއްގެ ނަމުގެ ކުރިއަށް "އައްޑޫ" އިތުރުކުރުމަށްފަހު، ކޮންމެ ރަށެއްގައި ވަކި ކައުންސިލެއް އުފައްދާނީތޯ، ނުވަތަ މިހާރު އޮތްގޮތަށް "އައްޑޫ ސިޓީ ކައުންސިލް"ގައި ރަށްތައް ތަމުސީލު ކުރާނީތޯ، ރައްޔިތުން ޚިޔާރު ކުރެއްވުމަށް އައްޑޫ ސިޓީގެ ރައްޔިތުންނަށް ހުޅުވާލެވޭ ވޯޓެއް ކަމަށެވެ.
މި ވޯޓަކީ ވަރަށް މުހިންމު، އަދި ތާރީޚީ ވޯޓެއް ކަމަށާ، މިކަމުގެ ސަބަބުން ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ވަރަށް ބޮޑަށް ފުރުޞަތު ލިބިގެންދާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.