2026ގެ އޭޝިއަން ބޭންކަރސް ކޮންފަރެންސް ބާައްވާނީ ބީއެމްއެލް އިން
17 ސެޕްޓެމްބަރު 2025 - 14:36
.jpg&w=3840&q=75)
އޭޝިއަން ބޭންކަރސް އެސޯސިއޭޝަން (އޭބީއޭ)ގެ 42 ވަނަ އަހަރީ އާންމު ބައްދަލުވުމާއި ކޮންފަރެންސް، 2026 ވަނަ އަހަރު ބޭއްވާ ގައުމަކީ ދިވެހިރާއްޖެކަމަށް ކަނޑައަޅައި، މި ކޮންފަރަންސް ބާއްވާ ބޭންކުގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް ހޮވައިފިއެވެ.
މި ޝަރަފްވެރި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ދާއިރާގެ އިސްވެރިން އެއްތަނަކަށް އެއްކޮށް، މުހިންމު މައްސަލަތަކާއި، ދާއިރާގައި ހުރި ފުރުސަތުތަކާއި، މާލީ ސިނާއަތުގެ މުސްތަޤްބަލާ މެދު މަޝްވަރާކުރާނެއެވެ.

Ad by Hajj Corporation
މި ކޮންފަރެންސް ބާއްވާ ބޭންކުގެ ގޮތުގައި ބީއެމްއެލް ހަމަޖައްސައި މިކަން އިއުލާންކުރީ މި މަހުގެ 15 އަދި 16 ވަނަ ދުވަހު ބޫޓާނުގައި ބޭއްވި 41 ވަނަ އޭބީއޭ ކޮންފަރެންސްގައެވެ. މި ރަސްމިއްޔާތުގެ ތެރެއިން، އޭބީއޭގެ ވައިސް ޗެއަރމަންގެ މަގާމަށް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފްވަނީ އައްޔަންކޮށްފައެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، އޭބީއޭގެ 42 ވަނަ ކޮންފަރެންސް ބޭއްވުމުގެ ފުރުސަތު ބީއެމްއެލްއަށް ލިބުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި މިއީ ރާއްޖޭގެ ކުރިއަރަމުން އަންނަ މާލީ ދާއިރާ ބޭރު ދުނިޔެއަށް ދައްކާލައި، ބޭރު ދުނިޔެއާ ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށެވެ. އަދި އޭޝިއާގެ ބޭންކިންގ ކޮމިއުނިޓީއަށް ރާއްޖެއަށް މަރުހަބާ ކިޔައި، މި ދާއިރާގެ މުހިންމު މަޝްވަރާތަކަކަށް އެންމެ އެކަށޭނެ މަންސައެއް ގާއިމްކޮށްދިނުމަށް ބީއެމްއެލް އިން އޮތީ ތައްޔާރަށްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިއީ އޭބީއޭގެ ކޮންފަރެންސެއް ބީއެމްއެލް އިން ބާއްވާ ދެވަނަ ފަހަރެވެ. 2018 ވަނަ އަހަރު ބީއެމްއެލް އިންވަނީ ކާމިޔާބު ކޮންފަރެންސެއް ބާއްވާފައެވެ. މި ކޮންފަރެންސް ބޭއްވުމަށް ދެވަނަ ފަހަރަށް ފުރުސަތު ލިބުމުން ހާމަވެގެންދަނީ އޭޝިއާގެ ބޭންކިންގ ދާއިރާގައި ބިއެމްއެލްގެ ނުފޫޒާއި ލީޑަރޝިޕް އިތުރުވަމުންދާކަމެވެ.
އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސްގައި އޭބީއޭ މެންބަރު ގައުމުތަކުގެ ސީއީއޯއިން، ސީނިއަރ އެގްޒެކްޓިވުން، އަދި އިންޑަސްޓްރީގެ މާހިރުން ބައިވެރިވާނެއެވެ. މި ކޮންފަރެންސްގައި ބޭންކިންގ އަދި ފައިނޭންޝަލް ސަރވިސަސް ދާއިރާއަށް މުހިންމު މައުޟޫތަކާ ގުޅޭ މަޝްވަރާތަކާއި، ވަރކްޝޮޕްތަކާއި، ނެޓްވަރކިންގ ސެޝަންތައް ހިމެނޭނެއެވެ.