ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔުނައިޓެޑް ދުއް އެންމެ ދަށް ކޯޗަށް ވަޒީފާ ސަލާމަތްކުރުމަށް ބާކީ ތިންމެޗު
17 ސެޕްޓެމްބަރު 2025 - 14:34

މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ރޫބެން އަމޮރިމްގެ މުސްތަގުބަލު ކުރިއަށް އޮތް ތިން މެޗުގެ މައްޗަށް ބިނާވެފައިވާ ކަމަށް ސްކައި ސްޕޯޓްސްއިން ރިޕޯޓުކޮށްފިއެވެ. އޮކްޓޯބަރު މަހުގެ ކުރީކޮޅު ސަންޑަލޭންޑާ ދެކޮޅަށް ކުޅޭ މެޗަށްފަހު ޕޯޗުގީޒް ކޯޗުގެ މުސްތަގުބަލާމެދު ގޮތެއް ނިންމުމަށް ކްލަބުގެ އިސްވެރިން ނިންމާފައިވެއެވެ.
ޕްރިމިއަރ ލީގުގައި އަމޮރިމްގެ ރެކޯޑު ވަނީ ކަންބޮޑުވާ މިންވަރަށް ދަށްވެފައެވެ. ކުރީގެ ސްޕޯޓިންގ ކޯޗު ޕްރިމިއަރ ލީގުގެ 31 މެޗުގައި މޮޅުވެފައިވަނީ 25 އިންސައްތައަށްވުރެ މަދު މެޗެވެ. މިއީ މީގެ 80 އަހަރުކުރިން ހިނގާދިޔަ ދެވަނަ ބޮޑު ހަނގުރާމައަށްފަހު، ޔުނައިޓެޑްގެ ކޯޗުކަމާއި ހަވާލުވެ، 25 މެޗަށްވުރެ ގިނަ މެޗު ކޯޗުކަން ކޮށްދިން ކޯޗުންގެ ތެރެއިން މިހާތަނަށް ހޯދާފައިވާ އެންމެ ދަށް ނަތީޖާއެވެ.

Ad by Hajj Corporation
މި ނަތީޖާތަކާއެކު، ނަތީޖާ ރަނގަޅު ނުވާނަމަ އޭނާއަށް މިސީޒަނުގެ ނިޔަލަށް ކޯޗުކަމުގައި ދެމިހުރެވޭނެ ކަމާމެދު މިހާރުވަނީ ސުވާލުއުފެދިފައެވެ. ކުރިއަށް އޮތް ޗެލްސީއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ކުޅޭ މެޗާއި، ބްރެންޓްފޯޑް އަދި ސަންޑަލޭންޑްގެ މެޗުތަކަކީ 40 އަހަރުގެ ކޯޗުގެ މުސްތަގުބަލު ކަނޑައެޅިގެންދާނެ މެޗުތަކެއް ކަމަށް މިހާރުވަނީ ބެލެވޭން ފަށާފައެވެ.
މީގެ އިތުރުން މާލީ ގޮތުން ވެސް މިއީ އުނދަގޫ ނިންމުމަކަށް ވާނެއެވެ. ފާއިތުވި 12 މަސްދުވަހު ކްލަބުން ޚަރަދުތައް ކުޑަކުރަމުން ދިޔަ ނަމަވެސް، ކޮންޓްރެކްޓްގެ ފުރަތަމަ އަހަރު ތެރޭގައި އަމޮރިމް ވަކިކުރާނަމަ 12 މިލިއަން ޕައުންޑް ބަދަލުގެ ގޮތުގައި ދޭންޖެހޭނެ ކަމަށް ރިޕޯޓުތަކުގައި ބުނެއެވެ. މިއީ 2013 ގައި ސަރ އެލެކްސް ފާގުސަން ރިޓަޔަރވުމަށްފަހު ބަދަލު ދީގެން ވަކިކުރަންޖެހުނު 6 ވަނަ ކޯޗު ކަމަށް ވާނެއެވެ.
އަމޮރިމްގެ ކުޅުމުގެ ފަލްސަފާ އަދި 3-4-3 ސިސްޓަމަށް އޭނާ ގެންގުޅޭ ޝައުގުވެރިކަން ވަނީ ގިނަ ފާޑުކިޔުންތަކާ ކުރިމަތިވެފައެވެ. ނަތީޖާ ނުނެރެވުމާއެކު، ކުރިއަށް އޮތް ތިން މެޗުން ކާމިޔާބީ ހޯދުމުގެ ޕްރެޝަރ މިހާރު ވަނީ އެންމެ މަތީ ދަރަޖައަށް އަރާފައެވެ. މި މެޗުތަކުން ހަމައެކަނި ދައްކަންޖެހެނީ ދަނޑުމަތީގެ ހުނަރެއް ނޫނެވެ. އަމޮރިމްއަކީ ޓީމު ކުރިއަށް ގެންދިއުމަށް އެންމެ އެކަށީގެންވާ މީހާކަން ސާބިތުކޮށްދޭންޖެހޭ މެޗުތަކެކެވެ.