ޕެނަލްޓީ ދީގެންވެސް ޔުނައިޓެޑް އަށް ޕޮއިންޓެއް ލިބޭނެ މަގެއް ނުފެނުނު
27 ސެޕްޓެމްބަރު 2025 - 17:18

އިނގިރޭސި ޕްރިމިއަރ ލީގުގެ 6 ވަނަ ރައުންޑުގައި މެންޗެސްޓަރ ޔުނައިޓެޑް ބްރެންޓްފޯޑު އަތުން ބަލިވެއްޖެއެވެ. ލަންޑަނުގެ ބްރެންޓްފޯޑް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ނިމުނީ ބްރެންޓްފޯޑުގެ 3-1 ގެ މޮޅުވެގެންނެވެ.
މެޗުގެ ފުރަތަމަ މިނެޓުތަކުން ފެށިގެން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނު ބްރެންޓްފޯޑުން ވަނީ ޔުނައިޓެޑް އަށް މެޗުގައި ކުޅޭނެ މާގިނަ ފުރުސަތެއް ނުދީ މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައެވެ. އެގޮތުން މެޗުގެ 8 ވަނަ މިނެޓުގައި ތިއާގޯ ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި މި ލަނޑަށް ފަހުވެސް ޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށް، 20 ވަނަ މިނެޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހައި، ސްކޯ 2-0 އަށް ބަދަލުކޮށްފައެވެ.

Ad by Hajj Corporation
މެޗުގެ 26 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ފޯޥާޑް ޝެޝްކޯ ޔުނައިޓެޑަށް އުއްމީދީ ލަނޑެއްޖަހައިދީ، މި ލަނޑަށް ފަހު ޔުނައިޓެޑުން ވަނީ ހަމަލާތައް ވަރުގަދަ ކުރި ނަމަވެސް، މެޗުގެ ފުރަތަމަ ހާފުނިމުނީ ބްރެންޓްފޯޑް ކުރީގައި އޮވެގެންނެވެ.
މީގެ އިތުރުން މެޗުގެ 76 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފަނާންޑޭސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ފުރުސަތު ބޭނުން ކުރެވިފައެއް ނުވެއެވެ. މިއީ ޕެނަލްޓީ ކާމިޔާބުކުރުމަށް މަޝްހޫރު ފެނާންޑޭޒް ޖެހިޖެހިގެން މިސްކޮށްލި ދެވަނަ ޕެނަލްޓީއެވެ. ލީގުގައި އެންމެ ފަހުން ފުލަން އާއި އެއްވަރުވި މެޗުގައިވެސް ފެނާންޑޭޒް ވަނީ ޕެނަލްޓީ މިސްކޮށްލާފައެވެ.
މެޗުގެ އިތުރުވަގުތުގެ 90+5 ވަނަ މިނެޓުގައި ޖެންސެން ވަނީ ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު ޖަހައި، މެޗުގެ ނަތީޖާ ކަނޑައަޅާލާފައެވެ.
މި މޮޅާއެކު ބްރެންޓްފޯޑް ވަނީ 7 ޕޮއިންޓާއެކު ލީގުގެ 11 ވަނަ އަށް އަރާފައެވެ. އަދި މެންޗެސްޓަރ ޔުނައިޓެޑް ވަނީ 7 ޕޮއިންޓާއެކު 13 ވަނައަށް ވެއްޓިފައެވެ.