ވެންޑައިކްގެ ގޯލާއެކު ފަހުވަގުތު ލިވަޕޫލް އެތްލެޓިކޯގެ މައްޗަށް ކުރިހޯދައިފި
18 ސެޕްޓެމްބަރު 2025 - 04:51

ޗެމްޕިއަންސް ލީގުގެ ފުރަތަމަ ބުރުގައި ލިވަޕޫލްއިން ވަނީ އެޓްލެޓިކޯ މެޑްރިޑްއާ ވާދަކޮށް 3-2 އިން މެޗު ކާމިޔާބުކޮށްފިއެވެ. މި މެޗުގެ ލިވަޕޫލް މޮޅުކޮށްދިން ގޯލުޖަހައިދިނީ 92 ވަނަ މިނިޓްގައި ޓީމުގެ ކެޕްޓަން ވެން ޑައިކްއެވެ.
އާނެ ސްލޮޓްގެ އިރުޝާދުގެ ދަށުން މި ސީޒަންގައި ކުޅުނު އެންމެ ރަނގަޅު މެޗު ކަމަށް ބެލެވޭ މި މެޗުގައި، އެލެކްސެންޑަރ އިސާކް ވަނީ ފުރަތަމަ ފަހަރަށް ލިވަޕޫލްގެ ޖާޒީގައި ކުޅެފައެވެ. މިމެޗުގައި މުހައްމަދު ސަލާހު ވަނީ ތަފާތު މޮޅުކުޅުމެއް ކުޅެ، ލިވަޕޫލްއިން ވަނީ މެޗު ފަށާއިރުއްސުރެ ވަރުގަދަ ކުޅުމެއް ދައްކާފައެވެ.

Ad by Hajj Corporation
މެޗުގެ ފުރަތަމަ 6 މިނިޓްގެ ތެރޭގައި ލިވަޕޫލްއިން ވަނީ 2 ގޯލު ޖަހާފައެވެ. ފުރަތަމަ ގޯލު އައީ ސަލާހުގެ ފްރީކިކެއް އެންޑީ ރޮބަޓްސަންގެ ގައިގައި ޖެހިގެންނެވެ. ދެވަނަ ގޯލު ޖެހީ ރަޔަން ގްރެވެންބާޗްގެ އެސިސްޓަކާއެކު ސަލާޙުއެވެ.
ނަމަވެސް އެޓްލެޓިކޯގެ މާކޯސް ލޮރެންޓޭ ވަނީ 2 ގޯލު ޖަހައި 80 ވަނަ މިނެޓުގައި މެޗު އެއްވަރުކޮށްފައެވެ. 2019-20 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައިވެސް އޭނާ ވަނީ އެންފީލްޑްގައި 2 ގޯލު ޖަހައި ލިވަޕޫލް ބަލިކޮށްފައެވެ.
މެޗުގެ ފަހު ވަގުތުގައި ވެން ޑައިކްގެ ބޮލުން ކާމިޔާޞުކުރި ގޯލަކުން ލިވަޕޫލް ވަނީ މުހިންމު މޮޅެއް ހޯދާފައެވެ. މި ސީޒަންގައި ލިވަޕޫލްއިން ވަނީ 88 ވަނަ މިނިޓަށްފަހު 6 ގޯލު ޖަހާފައެވެ. އޭގެ ތެރެއިން 4 ގޯލަކީ 90 ވަނަ މިނިޓަށްފަހު ޖެހި ގޯލެވެ.
ލިވަޕޫލް ޗެންޕިއަންސް ލީގުގައި ދެން އެންމެ އަވަހަށް ނިކުންނާނީ އޮކްޓޫބަރު މަހުގެ 1 ވަނަ ދުވަހު ގަލަޓަސަރާއީ އާއި ދެކޮޅަށެވެ.