ނަތަންޔާހޫ ތަގުރީރު ކުރައްވަން ފެއްޓެވުމާއެކު ރާއްޖެއިން މާލަން ދޫކޮށް ނިކުމެއްޖެ

27 ސެޕްޓެމްބަރު 2024 - 15:59

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އދ.ގެ އާންމެ މަޖިލީހުގައި ތަޤްރީރުކުރައްވަން ފެއްޓެވުމާއެކު، އެ ހޯލުގައި ތިއްބެވި ރާއްޖޭގެ ވަފްދު އެ ހޯލުން ނުކުމެއްޖެއެވެ.
ރާއްޖޭގެ ވަފްދު އެހޯލުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފަލަޞްޠީނާމެދު ގެންގުޅުއްވާ ޚާއްސަ ކަމާއި، ފަލަސްޠީނުގެ ޙައްޤުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ޚާއްޞަ މަސައްކަތްޕުޅަށް އިޙްތިރާމް ކުރެއްވުމުގެ ގޮތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ވިދާޅުވެފައެވެ.

Ad by Hajj Corporation
ރާއްޖެއާއެކު، ފަލަސްތީނަށް ތާއީދުކުރައްވާ އެހެނިހެން ގައުމްތަކުގެ މަންދޫބުން ވެސް ވަނީ އެވަގުތު އެ މާލަމުން ނިކުމެވަޑައިގަންނަނަވާފައެވެ.
ފަލަސްތީނަށް ތާއީދުކުރައްވާ މަންދޫބުން ވަނީ މި މައްބަދަލުވުމުގެ މާނައެއް ނެތްކަމަށް ފާހަގަކޮށް އިޒުރޭލުން ހިންގާ ގަތުލުއާއްމު ކުށްވެރިކުރައްވާފައެވެ. އަދި މިހާރު ލުބުނާނަށް ދެމުން ގެންދާ އުދުވާނީ ހަމަލާތައް ހުއްޓާލުމަށް ވެސް އެ ފަރާތްތަކުން ވާނީ ގޮވާލައްވާފައެވެ. އދ ފަދަ ބައިނަލްއަގުވާމީ އިދާރާއަކުން އިޒުރޭލާއި މެދު އަމަލުކުރާގޮތް ކުށްވެރިކޮށް ގިނަ މަންދޫބުން ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި އދ އިން އިޒުރޭލަށް ފިޔަވަޅު އެޅުމަށް ނުކުޅެދިފައިވާކަމަށް ވެސް އެ ފަރާތްތަކުން ވަނީ ފާހަގަކުރައްވާފައެވެ.
ނަތަން ޔާހޫ ބުނީ އިޒުރޭލަށް ނަސްރު ލިބެންދެން ހަނގުރާމަ ކުރުން މަތީ ދެމިތިބޭނެކަމަށެވެ. އަދި މި ހަނގުރާމައިގެ ޒިންމާ ނަގަން ޖެހޭނީ ހަމާސް އާއި ހިޒްބުﷲ އިން ކަމަށް ވެސް ނަތަންޔާހޫ ވަނީ ބުނެފައެވެ. އިޒުރޭލުން މިހާތަނަށް ޤައްޒާގައި ހިންގި ގަތުލުއާއްމުގައި 41,534 މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އަދި 96,092 މީހުން ވަނީ ޒަޙަމްވެފައެވެ. މީގެ ތެރޭގައި 16,500 ކުޑަކުދިން ހިމެނެއެވެ. މިއާއެކު މީގެ ހަތަރު ދުވަސް ކުރިން އިޒުރޭލުން ވަނީ ލުނުނާނަށް ހަމަލާ ދޭން ފަށާފައެވެ. މި ހަމަލާތަކުގައި 700 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ.