ބޮޑުތަކުރުފާނު މަގު ހެދުމަށް ހިއްކާ ސަރަހައްދުގެ ބޮޑުބައެއް ނިމުމަކަށް
19 ސެޕްޓެމްބަރު 2025 - 10:06

ބޮޑުތަކުރުފާނުމަގު އުތުރު ފަރާތް ހަތަރު ލޭނަކަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ސަރަހައްދުގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމަކަށް އައިސްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގައި ހިމެނޭ 132 މީޓަރުގެ ސަރަހައްދުގައި ޝީޓްޕައިލްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ފުރަތަމަ ފިޔަވަހީގައި މަގުފުޅާކުރުމަށް ހިއްކަންޖެހޭ ސަރަޙައްދު ހިއްކުމުގެ މަސައްކަތުގެ 90 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ. އެގޮތުން "ސީ ޗެނަލް" އިންސްޓޯލްކުރުމާއި ޝީޓްޕައިލްތައް ވަރުގަދަކުރުމަށް ޖަހާފައިވާ އެންކަރ ބްލޮކްގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ. ޝީޓް ޕައިލްކުރުމުގެ މަސައްކަތް ނިންމާލާފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުގައެވެ.

Ad by Hajj Corporation
މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއ،ި ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއ،ި ފެންހިންދާ ނިޒާމެއްވެސް ގާއިމު ކުރެވޭނެއެވެ. ބޮޑުތަކުރުފާނު މަގު ތަރައްގީކުރަނީ ދުއްވާ މީހުންނަށް 4 ލޭނާއި ހިނގާ މީހުންނަށް ހާއްސަ ސަރަހައްދެއް ހިމެނޭގޮތަށެވެ. މިމަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 144 މިލިޔަން ރުފިޔާއަށެވެ. މި މަސައްކަތް 455 ދުވަސްތެރޭ ނިންމަން ޖެހެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް މަހުގެ 22 ވަނަ ދުވަހެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރުގެ އޭޕްރިލްމަހުގެ ތެރޭގައެވެ.
މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ރަނގަޅުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގެ ތެރޭގައި މި މަޝްރޫއު ހިމެނެއެވެ.
މަސައްކަތް ކުރިއަށްދާ މުއްދަތުގައި، އެ ސަރަޙައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެހެދުމާއި، އެއްގަމު ތޮށި ބޭނުންކުރުން މަނާކޮށްފައިވާނެއެވެ. އެގޮތަށް ހަމަޖައްސާފައިވަނީ، މަގު ތަރައްޤީކުރުމުގެ މަސައްކަތް ރައްކާތެރިކަމާއެކު، ހަލުވިކަމާއެކު ކުރިއަށްގެންދިޔުމަށާއި، މަސައްކަތް ހިނގާ ސަރަޙައްދުގެ ސަލާމަތީ ކަންކަން ކަށަވަރުކުރުމަށްޓަކައެވެ. ސަރުކާރުން އުންމީދުކުރަނީ މި މަޝްރޫއު ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ.