ތ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފި
24 ސެޕްޓެމްބަރު 2025 - 15:55

ތ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކު، އާރުޓީއެލް ފެރީގެ ހިދުމަތް ފަށައިފިއެވެ.
ތ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފެށީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހާރު އެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
އާރުޓީއެލްގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. ރާއްޖޭގެ ރަށްތައް ދަތުރުފަތުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. ތ. އަތޮޅުގައި އާރުޓީއެލްގެ ހިދުމަތް ފަށާފައިވާއިރު، އެ އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށެއްގައި މި ހިދުމަތް ފޯރުކޮށްދޭނެއެވެ. މިއާއެކު ރާއްޖޭގެ 12 އަތޮޅެއްގެ 94 ރަށް އާރްޓީއެލް ފެރީގެ ހިދުމަތުން ގުޅާލެވުނީއެވެ.

Ad by Hajj Corporation
ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުން / ފޮޓޯ--// ރައީސް އޮފީސް
މިހާރު އާއުޓީއެލްގެ ހިދުމަތް ފަށާފައިވާ ތ. އަތޮޅު ހިމެނެނީ ޒޯން 4ގައެވެ. ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެސިސްޓެންސް، ޖައިކާއިން ދަނީ ޒޯން 4 ގައި ހިމެނޭ އަތޮޅުތަކުގައި ޚިދުމަތް ފެށުމަށް ބޭސްލައިން ސަރވޭއެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ. ތ. އަތޮޅުގެ އިތުރުން ޒޯން 4ގައި ހިދުމަތް ހިމެނޭ އަތޮޅުތަކަކީ މ، ފ، ދ އަދި ލ. އަތޮޅެވެ.
އެމްޓީސީސީން ބުނީ، ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ހަފްތާއަކު 6 ދުވަހު އާރްޓީއެލް ބްރޭންޑްގެ 2 ސްޕީޑް ފެރީ މެދުވެރިކޮށް، 5 ރޫޓަކުން ލިބިގެންދާނެ ކަމަށާއި، އާރްޓިއެލް ފެރީ ހިދުމަތުގެ ޝެޑިއުލް އާރްޓީއެލްގެ ވެބްސައިޓް އަދި އާރްޓީއެލް ޓްރެވެލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ ކަމަށެވެ.
ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށިގެން ދިއުމާ އެކު އެ އަތޮޅުގެ ރައްޔިތުންނަށް އިގްތިސޯދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުން ފައިދާތަކެއް ކުރާނެ ކަމަށް އެމްޓީސީން ވަނީ ބުނެފައެވެ. އަދި މި ހިދުމަތުގެ ސަބަބުން ތ. އަތޮޅުގައި ދަތުރުފަތުރުގެ އިންގިލާބީ އާ ބާބެއް ފެށޭނެ ކަމަށް ވެސް އެމްޓީސީސީން ވަނީ ބުނެފައެވެ.
އާރްޓީއެލް ފެރީތަކަކީ ޖުމްލަ 50 ފަސިންޖަރުންނަށް އަރާމުކަމާއެކު ދަތުރުކުރެވޭ ގޮތަށް ފަރުމާ ކޮށްފައިވާ އެއާ ކޮންޑިޝަން އުޅަނދުތަކެއް ކަމަށް ފާހަގަކޮށް އެމްޓީސީސީން ބުނީ އެ އުޅަނދުތަކުގެ ކެޕްޓަނަނުންނާއި ފަޅުވެރިންނަކީ އެ މަސަކަތަށް ބޭނުންވާ ހާއްސަ ތަމްރީނުތަކެއް ފުރިހަމަ ކޮށްފައިވާ މުވައްޒަފުން ކަމަށެވެ.
އެމްޓީސީން ދަނީ އާރްޓީއެލް ހިދުމަތް ތ. އަތޮޅުގެ އިތުރުން ޖުމްލަ 12 އަތޮޅެއްގައި ވެސް ދެމުންނެވެ. އެހެން ކަމުން އެމްޓީސީސީން ބުނީ ދަތުރުފަތުރާ މަދަނީ އުދުހުން ތަކާ ބެހޭ ވުޒާރާގެ ލަފާގެ މަތިން ބާކީ 8 އަތޮޅުގައި ވެސް އާރްޓީއެލް ހިދުމަތް ފެށުމަށް ކުރަންޖެހޭ މަސައްކަތްތަށް އެ ކުންފުނިން ކުރަމުންދާ ކަމަށެވެ.
އާރުޓީއެލްގެ ހިދުމަތް ފޯރުކޮށްދެމުން އަންނަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއާއި އެމްޓީސީސީ ގުޅިގެންނެވެ.