ނެގްރޭރާގެ ދަރިފުޅުގެ ބަޔާނާއެކު ރެފްރީންނަށްރިޝްވަތުދިން މައްސަލައިގައި ބާސާގެ މެނޭޖްމަންޓް ތުރުތުރުއަޅަން ފަށައިފިި
21 ސެޕްޓެމްބަރު 2025 - 04:09

ބާސެލޯނާގެ ކުރީގެ ރައީސުން ކަމުގައިވާ ސަންޑްރޯ ރޮސެލްއާއި ޖޮސެޕް މަރިއާ ބާޓޮމިއު އަދި ނެގްރެއިރާގެ ދަރިފުޅު ޖަވިއަރ އެންރިކެޒް މިއަދު ކޯޓަށް ހާޒިރުވެ ބަޔާން ދީފިއެވެ. މިއީ 2001 އިން 2018 އަށް ޓެކްނިކަލް ކޮމިޓީ އޮފް ރެފްރީސްގެ ކުރީގެ ނައިބު ރައީސަށް ކްލަބުން ދީފައިވާ 7 މިލިއަން ޔޫރޯއާ ގުޅޭ މައްސަލައިގައެވެ.
އެންމެ ފުރަތަމަ ބަޔާން ދިން ނެގްރެއިރާގެ ދަރިފުޅު ޖަވިއަރ އެންރިކެޒް، "އެލް އެސްޕަނޯލް" އިން ރިޕޯޓުކުރި ގޮތުގައި، ކޮންމެ ރެފްރީ ރިޕޯޓަކަށް 7،000 ޔޫރޯ ލިބުނު ކަމަށާއި، ޖުމްލަ 60،000 ޔޫރޯ ލިބުނު ކަމަށް ބުނެފައިވެއެވެ. ނަމަވެސް އޭނާގެ ބައްޕައަށް ލިބުނު 7.5 މިލިއަން ޔޫރޯއާ މި ފައިސާގެ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، ބާސެލޯނާއާއި ކުރީގެ ރެފްރީ އޮފިޝަލްއާ ދެމެދު އޮތް ގުޅުމަކީ "ސުލޫކީ ގޮތުން ރަނގަޅު ނޫން" ގުޅުމެއް ކަމަށް އޭނާ ބުނެފައިވެއެވެ.

Ad by Hajj Corporation
މި ބަޔާނުން މިހާރުގެ ރައީސް ޖުއާން ލަޕޯޓާ ދެއްކި ވާހަކަތަކަށް ފުށޫއަރައެވެ. ލަޕޯޓާ ބުނެފައިވަނީ އެންރިކެޒްގެ ދަރިފުޅުގެ ރިޕޯޓުތަކަށް ދިން އުޖޫރައެއްގެ ގޮތުގައި އެ ފައިސާ ދެއްކި ކަމަށެވެ. ނަމަވެސް އެންރިކެޒްގެ ބަޔާނުގައި ބުނެފައިވަނީ އެ މަސައްކަތަށް ލިބުނީ އެންމެ 60،000 ޔޫރޯ ކަމަށެވެ. އެހެންކަމުން ބާކީ ލާރި ދީފައިވަނީ ކީތްކުރަންކަން ބާސެލޯނާއަށް އިތުރަށް ސާބިތުކޮށްދޭން ޖެހޭނެއެވެ. މިމައްސަލައިގައި މިހާރު ބަޔާން އައިސްފައި ހުރިގޮތުން ބާސެލޯނާގެ މެނޭޖްމަންޓުން މިހާރު ތިބީ ތުރުތުރު އަޅާފައެވެ.
އެންމެ ފަހުން ބަޔާން ދިން ބާޓޮމިއު ބުނެފައިވަނީ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. "މިއީ ކުޅިވަރާއި ރެފްރީންނާ ގުޅޭ ލަފާ ދިނުމުގެ ޚިދުމަތެއް، ފުރަތަމަ އަދި ދެވަނަ ޓީމުގެ މެޗުތަކުގެ ކުރިއާއި ފަހުން ދޭ ރިޕޯޓުތަކާއެކު" ކަމަށް އޭނާ ކޯޓުން ނުކުމެ ވިދާޅުވިއެވެ.
މި މައްސަލަ އަދިވެސް ބަލަމުންދާއިރު، ނެގްރެއިރާއަށް ދެއްކި ފައިސާއާ ގުޅޭ ސުވާލުތައް އަދިވެސް އެބަހުއްޓެވެ. މިމައްސަލައިގައި ބާސެލޯނާ މިހާރު ވަނީ އެ ކްލަބުގެ ފަހުގެ ތާރީޚުގައި ދިމާވި އެންމެ ނާޒުކު ހާލަތުގައެވެ.
މިމައްސަލައަކީ 2001 އިން 2018 އަށް 17 އަހަރުވަންދެން ބާސެލޯނާއިން ރެފްރީންގެ ކޮމިޓީގެ ވައިސް ޗެއާރ ނެގްރޭރާ އަށް ރިޝްވަތު ދިން މައްސަލައިގައި ބާސެލޯނާއާއި ދެކޮޅަށް ކުރާ ދަޢުވާތަކެކެވެ. މިމުއްދަތުގެ ތެރޭގައި ބާސެލޯނާއިން 4 ޗެންޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، 9 ލީގު ތަށްޓާއި 6 ކޮޕަޑެލްރޭ ބާސެލޯނާއިން ކާމިޔާބުކޮށްފައިވެއެވެ. މިއީ ބާސެލޯނާގެ ތާރީޚުގައިވެސް އެންމެ ކާމިޔާބުދުވަސްތަކެވެ.