ބާސެލޯނާގެ ގަވީ އަށް އަނިޔާވެ ވޯލްޑްކަޕް ސްކޮޑުން ޖާގަ ގެއްލިދާނެކަމުގެ ބިރު ހީވެއްޖެ
24 ސެޕްޓެމްބަރު 2025 - 05:08

ބާސެލޯނާގެ ޒުވާން މިޑްފީލްޑަރު ޕަބްލޯ ޕާއެޒް ގަވީރާ (ގަވީ) ގެ ކަކުލަށް ބޮޑު އޮޕަރޭޝަނެއް ކުރުމަށްފަހު 5 މަސް ދުވަހުގެ މުއްދަތަށް ކުޅުމުން މަޙްރޫމްވެއްޖެއެވެ. މި އަނިޔާއާ ގުޅިގެން އޭނާއަށް 2026 ގެ ކުރީކޮޅާ ހަމައަށް ދާންދެން ކުޅެވޭނެ ކަމަށް ނުބެލެވެއެވެ.
ބާސެލޯނާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ގަވީގެ ކަކުލުގެ މީޑިއަލް މެނިސްކަސްއަށް ވެފައިވާ ގެއްލުން ރަނގަޅު ކުރުމަށް އާތްރޮސްކޮޕީ އޮޕަރޭޝަނެއް ކޮށްފައިވާ ކަމަށެވެ. އަދި މި އޮޕަރޭޝަނުން އަރައިގަތުމަށް 4-5 މަސް ދުވަހުގެ މުއްދަތެއް ނަގާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން ގަވީއަށް އެންމެ އަވަހަށްވެސް އަނިޔާއިން އެނބުރި އާދެވޭނީ އަންނަ އަހަރުގެ ޖަނަވަރީ ނުވަތަ ފެބްރުވަރީ މަހުގައެވެ. މިއާއެކު އަންނަ އަހަރުގެ ޖޫން މަހުގައި ފަށަން ހަމަޖެހިފައިވާ ފީފާ ވޯލްޑްކަޕް ގެ ސްކޮޑް މާރިޗު ހިސާބުގައި ކޯޗު ކަނޑައަޅާއިރު، މިމުއްދަތުގެ ތެރޭގައި ކުޅުމަށް އނބުރިއައިސް ކޯޗު ހިތްހަމަޖެހޭ ކުޅުމެއް ދެއްކިދާނެކަމާމެދު މިހާރު ވަނީ ސުވާލުއުފެދިފައެވެ.

Ad by Hajj Corporation
2021 ވަނަ އަހަރު ބާސެލޯނާގެ ސީނިއަރ ޓީމަށް ކުޅެން ފެށި ގަވީ އަކީ ކްލަބުގެ އެކަޑަމީން އުފެދިފައިވާ ކުޅުންތެރިއެކެވެ. އޭގެ ފަހުން އޭނާ ވަނީ ކްލަބާއި ގައުމީ ޓީމުގައި އެންމެ މުހިންމު ކުޅުންތެރިންގެ ތެރެއިން ކުޅުންތެރިއަކަށް ވެފައެވެ.
ގަވީ ރިހެބިލިޓޭޝަން ފަށާއިރު، ހާންސީ ފްލިކްގެ ޓީމު ބުރާސްފަތި ދުވަހު އޮވީޑޯއާ ދެކޮޅަށް ލަ ލީގާގެ މެޗެއް ކުޅޭނެއެވެ. އޭގެ ފަހުން އާދީއްތަ ދުވަހު ރެއަލް ސޮސިއެޑާޑް ދެކޮޅަށް ކުޅުމަށްފަހު، ޗެމްޕިއަންސް ލީގުގައި ޕެރިސް ސަންޓް ޖަރމަންއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭނެއެވެ.