ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުން ބޭސްފަރުވާއަށް ފައިސާ ދެއްކޭނެ: ރައީސް
22 ސެޕްޓެމްބަރު 2025 - 17:14
މި އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑެބިޓް ކާޑުން، ރާއްޖެއިން ބޭރުން ބޭސްފަރުވާ ހޯދާ ފަރާތްތަކަށް ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މ. މުލީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ ދުވަސް ކަމުގައިވާ ނޮވެމްބަރު 11 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން ބޭރަށް ބޭސް ފަރުވާއަށްދާ މީހުންނަށް، ބޭރުގެ ހޮސްޕިޓަލަށް ދައްކަން ޖެހޭ ފައިސާ، ބޭންކްގައި އެދުމުން، ޑެބިޓް ކާޑުން ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

Ad by Hajj Corporation
އަދި ނޮވެމްބަރު 11 ގައި ބީއެމްއެލްގައި ޑެބިޓް ކާޑުން ބޭރުގެ ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުކޮށް، އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ހޮޓަލަށް ފައިސާ ދެއްކުން 3000 ޑޮލަރަށް އިތުރުކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަހާއި ބޭންކްގެ އަހަރީ ދުވަހު، މި އަހަރުގެ އަހަރީ ދުވަހުން ފެށިގެން ނޮވެމްބަރު 11 އިން ފެށިގެން ބީއެމްއެލްގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ޕީއޯއެސް ޓާމިނަލްތަކުން ފައިސާ ފައިސާ ދެއްކޭ އަދަދު 100 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެ ތާރީހުން ފެށިގެން އެއާލައިންތަކުން ޓިކެޓް ގަތުމަށާއި ރާއްޖެއިން ބޭރުގައި ހޮޓަލަށް ޑެބިޓް ކާޑުން ފައިސާ ދެއްކޭ އަދަދު 3000 ޑޮލަރަށް އިތުރުވެގެންދާނެ. ހަމަ އެތާރީހުން ފެށިގެން ބޭސްފަރުވާއަށް ހޮސްޕިޓަލަށް ދައްކަންޖެހޭ ފައިސާ ބޭންކްގައި އެދުމުން ޑެބިޓް ކާޑުން ހޮސްޕިޓަލަށް ފައިސާ ދެއްކޭނެ ގޮތް ވެސް ހަަމަޖެހިގެންދާނެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ މި ފިޔަވަޅުތަކާއެކު ރާއްޖޭގައި ޑޮލަރުގެ ބްލެކް މާކެޓުގެ އަޅުވެތިކަމުން ރައްޔިތުން ސަލާމަތްވެގެންދާނެ ކަމަށެވެ. މީގެ އިތުރުންވެސް ރާއްޖޭގެ އިގްތިސާދު ރަނގަޅުކޮށް، ރާއްޖޭގެ ފަރުދުންގެ ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ގިނަ ކަންތައްތައް ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ބޭންކުތަކަށް ޑޮލަރު މާރުކުރުން ނުވަތަ ޑޮލަރު ޖަމާކުރުން ލާޒިމްކުރާ ބޭރުފައިސާއާ ބެހޭ ޤާނޫނަށް ޢަމަލުކުރަން ފެށީ މިއަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.
މި ޤާނޫނާއެކު ޑޮލަރުގެ ރިޒަރވް އިތުރުވެ، ފަތުރުވެރިކަމުން ލިބޭ ބޭރު ފައިސާގެ އާމްދަނީ ވަނީ އިތުރުވާން ފަށާފައެވެ. އަދި ޑޮލަރުގެ މައްސަލައަށްވެސް އޭގެ ސަބަބުން ހައްލުތަކެއް ލިބެމުންދާކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.