ދަރިންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ އިސްލާމްދީން: ރައީސް
24 ސެޕްޓެމްބަރު 2025 - 05:42

މާދަމާ އަޅުގަނޑުމެންގެ ދަރީންނަށްޓަކައި ވާރުތަކޮށްދޭން އޮތް އެންމެ އަގުހުރި ތަރިކައަކީ، މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ އަމިއްލަވަންތަ ރީތި ސިފަތައްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.
މަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
ރައީސްގެ ޕޯސްޓުގައި، މީގެ 899 އަހަރު ކުރީން އިސްލާމްދީން ޤަބޫލުކުރުމުގައި ދިވެހީން ދައްކުވައިދިނީ، ކިޔަމަންތެރިކަމާއި ޞުލްޙަވެރިކަމާއި ބަދަހިކަމާއެކު އެންމެން އެކީ ހެޔޮގޮތް ޚިޔާރުކުރުމުގެ ރީތި ނަމޫނާކަމަށް ވިދާޅުވެފައިވެއެވެ.
އެދުވަހުން ފެށިގެން މިއަދާ ހަމަޔަށްވެސް، ދިވެހީންގެ އަމިއްލަވަންތަކަމާއި މިނިވަންކަން މި ޤައުމުގައި ދެމިއޮތީ، އަޅުގަނޑުމެންނަކީ ޙައްޤުގެ މަގުގައި ތިބި އެއްބައިވަންތަ ބަޔަކަށް ވާތީކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ޕޯސްޓު ނިންމަވާލައްވަމުން، މި އަގުހުރި ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމުގެ މަތިވެރި ނަޞީބު ހުރިހާ ޒަމާނެއްގައިމެ ދިވެހީންނަށް ދެއްވުން އެދި ހެޔޮ ދުޢާ ކުރަރައްވާފައިވެއެވެ. އަދި ރާއްޖެ އިސްލާމްވީ ދުވަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ވަނީ ފޮނުއްވާފައެވެ.
ކޮންމެ އަހަރަކުވެސް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަސް ފާހަގަކުރަނީ ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައެވެ. މި ދުވަސް މިގޮތަށް ފާހަގަކުރަނީ އެއިރު ރަސްކަމުގައި ހުންނެވި ސިރީ ތުރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްދީން ޤަބޫލުފުޅު ކުރައްވައި، ދިވެހިރާއްޖޭގެ ރައްޔިތުން އެ ދީނަށް އެނބުރުމަށް 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ކުރީކޮޅުގެ އަމުރުކުރެއްވުމުންނެވެ. ތުރިބުވަނަ އާދީއްތަ މަހާރަދުން އިސްލާމްވެވަޑައިގަތުމަށްފަހު އިޚްތިޔާރުކުރެއްވި ނަންފުޅަކީ އައްސުލްޠާނު މުޙައްމަދު އިބްނު ޢަބްދުﷲއެވެ. ދިވެހީންގެ މެދުގައި މި ރަދުންގެ ނަންފުޅު މަޝްހޫރު ވެފައި ވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.
ޙަސަން ތާޖުއްދީނުގެ ތާރީޚުގައި ލިޔުއްވައިފައިވާ ގޮތުގައި ރާއްޖެ އިސްލާމްވީ ހިޖުރީ ސަނަތުން 548 ވަނަ އަހަރު ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހެވެ. އެއީ މީލާދީ ސަނަތުން 1153 ވަނަ އަހަރެވެ. ރާއްޖޭގައި ރަސްމީގޮތުން މިދުވަސް ފާހަގަކުރަނީ ތާޖުއްދީނު ލިޔުއްވައިފައިވާ ގޮތަށް ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ.
ރާއްޖެ އިސްލާމްވީ ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ ދެވަނަ ދުވަހުއެވެ. އެއީ މީލާދީން 1954 ވަނަ އަހަރެވެ. ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލްއެވެ.
އެއަށްފަހު 1388ހ. (1968މ.)ވަނަ އަހަރު ފެށިގެން މި ދުވަސް ފާހަގަކުރެއްވުން ސަރުކާރުން ހުއްޓަވާލެއްވުމަށްފަހު އަލުން ފާހަގަކުރައްވަން ފެށްޓެވީ 29 މުޙައްރަމް 1421 (4 މެއި 2000) ބުރާސްފަތި ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިންނެވެ.
އެއީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި މިދުވަސް ފާހަގަކުރެއްވުމަށް ފެނިވަޑައިގެންނެވެ.
މިއަހަރަކީ ރާއްޖެ އިސްލާމްވީތާ 899 އަހަރު ފުރުނު އަހަރެވެ. އަންނަ އަހަރު 900 އަހަރު ފުރޭއިރު މި މުހިންމު މުނާސަބާ ކުލަގަދަކޮށް ފާހަގަކުރުމަށް، މުޅި ރާއްޖޭގައި އިސްލާމީ އަދި ޤައުމީ ރޫޙު އާލާވާނެ، އަދި ރައްޔިތުންގެ ބަދަހިކަން އިތުރުކޮށްދޭނެ އެތައް ޙަރަކާތެއް ސަރުކާރުން ހިންގުމަށް ގަސްދުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. އެމަނިކުފާނު ވިދާޅުވިގޮތުގައި މިއީ، މި ޖީލުގެ ދިވެހީންނާ ބައްދަލުވާނޭ އެންމެ ހައިބަވަންތަ، އެންމެ ތާރީޚީ ދުވަހެވެ.
2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ވެރިކަމާ ހަވާލުވެވަޑައިގަތުމުގެ ކުރިން އަދުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ވެރިކަމަކީ، އިސްލާމްދީނަށާއި، ދިވެހިންގެ ގައުމިއްޔަތަށް އެންމެބޮޑު އިސްކަމެއްދޭ ވެރިކަމަށް ހައްދަވާނެކަމަށް ވިދާޅުވެފައެވެ.