އދ. ބައްދަލުވުމުގައި ބައިވެރިވުމަށް ފަލަސްތީނުގެ ރައީސަށް ހުއްދަ ނުދިނުމުން ބްރެޒިލް ރައީސް އެމެރިކާއަށް ފާޑުކިޔައިފި

23 ސެޕްޓެމްބަރު 2025 - 14:53

އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ ޔުނައިޓެޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ (ޔޫއެންޖީއޭ) ގައި ތަގްރީރު ކުރަށްވަމުން ބްރެޒިލްގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ދި ސިލްވާ، އެމެރިކާ އަށް ވަރަށްބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
ލޫލާ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވީ، އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސް އެމެރިކާ އަށް އެތެރެވުމަށް އެމެރިކާއިން ހުއްދަ ނުދީފައިވާތީ އެކަމާއެވެ.

Ad by Hajj Corporation
މި ބައްދަލުވުން ބޭއްވުނު އިރު ފްރާންސްގެ އިސްނެގުމާއެކު، އިތުރު ޤައުމުތަކަކުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ބަލައިގެންފައި ވެއެވެ. ނަމަވެސް، މި ބައްދަލުވުމުގައި ފަލަސްތީނުގެ ތަމްސީލު ކުރާ މަމްދޫބުން ސީދާ ހާޒިރުވެ ނެތްކަން ފާހަގަކުރެވިފައި ވެއެވެ.
ބްރެޒިލްގެ ރައީސް ލޫލާ، އެމެރިކާއާއި އިސްރާއީލަށް އެހީތެރިވާ ޤައުމުތަކާ ދޭތެރޭ ވަރަށް ހަރުކަށި އިބާރާތުން ވާހަކަފުޅު ދައްކަވަމުން، ހަމާސްއާ ދެކޮޅަށް އިސްރާއީލުން ކުރިއަށްގެންދާ ހަނގުރާމައިގެ ސަބަބުން މިހާރު 60،000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާކަން ފާހަގަކުރެއްވިއެވެ.
"އެތަނުން އަޅުގަނޑުމެންނަށް ފެންނަނީ ބައިނަލްއަޤްވާމީ އިންސާނީ ޤާނޫނާއި ހުޅަނގުގެ އަޚްލާޤީ މާތްކަމުގެ ވާހަކަތައް ވެސް ވަޅުލެވެމުންދާ މަންޒަރު، މި އަނިޔާވެރި ޢަމަލުތައް ހުއްޓުވުމުގެ ބާރު ލިބިގެންވާ ފަރާތްތަކުގެ އެއްބާރުލުން ނެތްނަމަ، މިފަދަ ޤަތުލުޢާމެއް ހިނގައިނުދާނެ." ލޫލާ ވިދާޅުވެފަވެއެވެ.
ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއަށް ބައްދަލުވުމުގައި ބައިވެރިވުމަށް އެމެރިކާއިން ހުއްދަ ނުދިނުމާ ގުޅިގެން ލޫލާ ވަނީ ނުރުހުން ފާޅުކުރައްވާފައެވެ.
"މި ތާރީޚީ ވަގުތުގައި ފަލަސްތީނުގެ ރައީސް މަޙްމޫދު އައްބާސްއަށް ފަލަސްތީނުގެ ގޮނޑީގައި އިށީނދެވަޑައިގަތުމަށް ބައްދަލުވުން ބާއްވާ ޤައުމުން (އެމެރިކާއިން) ހުއްދަ ނުދިނުމަކީ ހިތާމަހުރި ކަމެކެވެ،" ލޫލާ ވިދާޅުވިއެވެ.
ބްރެޒިލްގެ ރައީސްގެ މި ހަރުކަށި ވާހަކަފުޅުތަކަށް ބައްދަލުވުމުގައި ބައިވެރިވި ގިނަ ފަރާތްތަކުން ވަނީ އަތްޖަހައި ތާއީދު ފާޅުކޮށްފައެވެ.
މި ކަމުން ދައްކައިދެނީ، ފަލަސްތީނުގެ މައްސަލައަށް ބައިނަލްއަޤްވާމީ މަސްރަހުގައި އިތުރު ތާއީދެއް ލިބެމުންދާކަމާއި، އިސްރާއީލާއި އެމެރިކާގެ ސިޔާސަތުތަކަށް ފާޑުކިޔުންތައް އިތުރުވަމުންދާކަމެވެ.