ވިލިފުށީ އެއާޕޯޓުގެ މަސައްކަތް މާދަމާ ފަށައި، ދެ އަހަރާއި ބައިގެ ތެރޭގައި ނިންމާ ހުޅުވާނަން: ރައީސް
23 ސެޕްޓެމްބަރު 2025 - 17:07
ތ. ވިލުފުށީގައި ތަރައްގީކުރާ އެއާޕޯޓުގެ މަސައްކަތް ނިންމާ ދެ އަހަރާ ބައިގެ ތެރޭގައި ނިންމާ ހުޅުވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ތ. ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ, ވިލުފުށީގެ ތަރައްގީއަށް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓުގެ މަޝްރޫއު ކަމަށެވެ. ރައީސް ވިދާޅުވީ އެއާޕޯޓު އެޅުމަށްޓަކައި ބިންހިއްކުމުގެ މަސައްކަތް ފެށިފައިވަނީ ރައްޔިތުން ބޭނުންވި ތަނުން ކަމަށާއި، އަދި ރަސްމީކޮށް މާދަމާ އެ މަސައްކަތް ފަށާނެ ކަމަށެވެ.

Ad by Hajj Corporation
އެއާޕޯޓުގެ މަސައްކަތްތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ، އެއާޕޯޓު އެޅުމަށް ބިން ހިއްކުމާއެކު ހިއްކާ ބިން ހިމާޔަތް ކުރުމާއި، ރަންވޭ ހެދުމާއި، ޓާމިނަލް ހެދުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. އަދި މި މަސައްކަތް، އެންމެ ގިނަ ވެގެން ދެ އަހަރާ އި ބައިގެ ތެރޭގައި އެއްކޮށް ނިންމާ އެއާޕޯޓު ހުޅުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ހުރިހާ ވައުދެއްގެ ތެރެއިން ވެސް މިރަށުގެ ރައްޔިތުންނަށް ހަމަ އެންމެ މުހިންމު ކަމަކީ އެއާޕޯޓުގެ މަޝްރޫއު، އިރާދަކުރެއްވިއްޔާ މިހާރު އެއާޕޯޓު އެޅުމަށްޓަކައި ރައްޔިތުން ބޭނުންވާ ތަނުގައި އެއާޕޯޓު އެޅުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް އަމަލީ ގޮތުން ފެށިފައި އެވަނީ، މާދަމާ ރަސްމީކޮށް އެ މަސައްކަތް އަޅުގަނޑުމެން ފަށާނަން، އަދި މި އެއާޕޯޓަކީ 1800 މީޓަރު ދިގު ރަންވޭ އެއް އެޅިގެންދާނެ އެއާޕޯޓެއް. އަދި މި އެއާޕޯޓުގެ އެންމެހާ މަސައްކަތްތަކެއް ބިންހިއްކުމާ ބިން ހިމާޔަތް ކުރުމާ ރަންވޭ ހެދުމާއި ޓާމިނަލްއާއި ޖުމްލަކޮށް ހުރިހާ މަސައްކަތްތެއް މާދަމައިން ފެށިގެން މިހުރިހާ ކަމެއް އެއްކޮށް ނިންމާ އެންމެ ގިނަ ވެގެން 30 މަސްދުވަސް ތެރޭގައި،ދެ އަހަރާ ބައިގެ ތެރޭގައި މަސައްކަތް ނިންމާ މި އެއާޕޯޓު އަޅުގަނޑުމެން ހުޅުވާނަން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ވިލުފުށީ އެއާޕޯޓު މަޝްރޫއަކީ ސަރުކާރުން ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށެވެ.
އަދި ވިލުފުށީގެ އެއާޕޯޓު އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)ގެ ފަރާތުން ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ މި އެއާޕޯޓު އޮޕަރޭޓް ކުރާނީ ވެސް އެމްއޭސީލުން ކަމަށެވެ. މި އެއާޕޯޓަކީ 1800 މީޓަރު ދިގު ރަންވޭއެއް އެޅިގެންދާނެ އެއާޕޯޓެކެވެ.
ރައީސް ވިދާޅުވީ ވިލުފުށީ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލް އިން ވަރަށް ފުރިހަމައަށް، ވަރަށް ތަރުތީބުން ކުރާނެ ކަމަށެވެ.
މީގެއިތުރުން، ވިލުފުށީގައި ހޮސްޕިޓަލް އެޅުމުގެ އަމަލީ މަސައްކަތް ވެސް މާދަމާ ފެށިގެންދާނެކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. ރައީސް ވިދާޅުވީ މާދަމާ އަމަލީ މަސައްކަތް މިފެށޭ ހޮސްޕިޓަލުގެ މަޝްރޫއިން ވިލުފުށީ ރައްޔިތުންނާއި އަދި މި ސަރަހައްދުގެ ރައްޔިތުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ސިއްހީ ދާއިރާއިން ލިބިގެންދާނެ ކަމަށެވެ.
މާދަމާ ފެށިގެންދާ ހޮސްޕިޓަލުގެ މަޝްރޫއު ނިންމުމުގެ އެންމެ ދިގު މުއްދަތަކީ 18 މަސްދުވަސް ކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ވަރަށް ފުރިހަމަ، ވަރަށް ޒަމާނީ ހޮސްޕިޓަލެއް އެޅި ނިންމާ ރައްޔިތުންނާ ހަވާލުކުރައްވާނެ ކަމަށެވެ.
ހޮސްޕިޓަލު އެޅުމާއި ހަމައަށް ވެސް މިހާރު ހިދުމަތް ދެމުންދާ ސިއްހީ މަރުކަޒުގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވިލުފުށީ ސިއްހީ މަރުކަޒުގެ ޖާގަ ހުރި މިންވަރުން ސިއްހީ ވަސީލަތްތައް އިތުރު ކޮށް މުވައްޒަފުން އިތުރު ކޮށް، ޑޮކްޓަރުން އިތުރުކޮށް ކުރިއަށް މި އޮތް 18 މަސްދުވަހުގެ ތެރޭގައި ވެސް ރަނގަޅު ސިއްހީ ހިދުމަތް ތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.