ތ. ވިލުފުށީ ބިން ހިއްކުމާއި އެއާޕޯޓުގެ އަމަލީ މަސައްކަތް ފަށައިފި
24 ސެޕްޓެމްބަރު 2025 - 05:24
ތ. ވިލުފުށީ ބިން ހިއްކުމާއި އެއާޕޯޓު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއާޕޯޓް ކޮމެޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާއެވެ.

Ad by Hajj Corporation
ވިލުފުށީ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ވިލުފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި، ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބޭހޭ ވަޒީރު މޫސާ ޒަމީރުއެވެ. އެމްއޭސީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އިބްރާޙީމް ޝަރީފް މުޙައްމަދުއެވެ.
ވިލުފުށީ އެއާޕޯޓުގެ މަސައްކަތް އެމްއޭސީއެލްއާ ހަވާލުކުރުމަށްފަހު، އެމަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. އެމަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، މާލީ ކަންކަމާއި ތަރައްގީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަރިހުގައި އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް މުޙައްމަދާއި، ދައިރާގެ މަޖިލީސް މެމްބަރުގެ އިތުރުން ވިލުފުށީ ކައުންސިލްގެ ރައީސް ބައިވެރިވެވަޑައިގެންނެވިއެވެ.
ވިލުފުށީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވިލުފުށީގެ ތަރައްގީއަށް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ރައްޔިތުންނަށް އެންމެ މުހިންމު މަޝްރޫއަކީ އެއާޕޯޓުގެ މަޝްރޫއު ކަމަށެވެ. ރައީސް ވިދާޅުވީ އެއާޕޯޓު އެޅުމަށްޓަކައި ބިންހިއްކުމުގެ މަސައްކަތް ފެށިފައިވަނީ ރައްޔިތުން ބޭނުންވި ތަނުން ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، އެއާޕޯޓުގެ މަސައްކަތް އެންމެ ގިނަ ވެގެން ދެ އަހަރާ އި ބައިގެ ތެރޭގައި އެއްކޮށް ނިންމާ އެއާޕޯޓު ހުޅުވާނެ ކަމަށެވެ.
މި އެއާޕޯޓަކީ 1800 މީޓަރު ދިގު ރަންވޭ އެއް އެޅިގެންދާނެ އެއާޕޯޓެއް. އަދި މި އެއާޕޯޓުގެ އެންމެހާ މަސައްކަތްތަކެއް ބިންހިއްކުމާ ބިން ހިމާޔަތް ކުރުމާ ރަންވޭ ހެދުމާއި ޓާމިނަލްއާއި ޖުމްލަކޮށް ހުރިހާ މަސައްކަތްތެއް މާދަމައިން ފެށިގެން މިހުރިހާ ކަމެއް އެއްކޮށް ނިންމާ އެންމެ ގިނަ ވެގެން 30 މަސްދުވަސް ތެރޭގައި،ދެ އަހަރާ ބައިގެ ތެރޭގައި މަސައްކަތް ނިންމާ މި އެއާޕޯޓު އަޅުގަނޑުމެން ހުޅުވާނަން. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު
ވިލުފުށީގައި ތަރައްގީ ކުރާ އެއާޕޯޓު މަސައްކަތް ކުރިއަށް ގެންދާނީ އެމްއޭސީއެލްގެ ފަރާތުން ނެވެ. މި އެއާޕޯޓަކީ 1800 މީޓަރު ދިގު ރަންވޭއެއް އެޅިގެންދާނެ އެއާޕޯޓެކެވެ. މިމަޝްރޫއުގެ މަސައްކަތް ދެ އަހަރާއި ހަ މަސަ ދުވަހުގެ ތެރޭގައި ނިންމާއިރު މަޝްރޫއުގެ ދަށުން ރަންވޭއަކާއި ފުރުހަމަ ޓާމިނަލްއަކާ އެއާޕޯޓަށް ބޭނުންވާ ހުރިހާ ވަސީލަތެއް ފުރިހަމަކޮށް ގާއިމްކުރާނެއެވެ.
މިމަޝްރޫއު ނިމޭއިރު، މިއީ އެ ސަރަހައްދުގެ ރައްޔިތުންނަށް އިޤްތިސާދީގޮތުން ލިބިގެންދާ ކުރިއެރުމަކަށް ވާނެކަމަށް ސަރުކާރުން ގަބޫލުކުރައްވައެވެ.