މީޑިއާ ބިލާ ދެކޮޅަށް ކުރި މުޒާހަރާ: އެންއައިސީންވެސް ފުލުހުން އަމަލުކުރި ގޮތް ބަލަނީ
24 ސެޕްޓެމްބަރު 2025 - 10:58

މީޑިއާ ބިލާ ދެކޮޅުހެދުމުގެ ގޮތުން މިމަހުގެ 16ވަނަ ދުވަހު ރައްޔިތުންގެ މަޖިލިސް ކައިރީގައި ކުރި މުޒާހަރާގައި ފުލުހުން އަމަލުކުރި ގޮތް ބެލުމަށް ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނީ މިމަހުގެ 16ވަނަ ދުވަހު މީޑިއާ ބިލާ ދެކޮޅު ހެދުުގެ ގޮތުން މަޖިލިސް ކުރާ ގެ ކައިރީގައި ކުރިއަށްދިޔަ އިހްތިޖާޖު ރޫޅާލުމުގައި ފުލުހުން ހަލާތާ ނުބައްދަލު ބާރުގެ ބޭނުންކޮށްފައިވާ ކަމަށާއި ޤާނޫނާއި ގަވާއިދާ ޚިލާފަށް ފުލުހުން އަމަލުކޮށްފައިވާ ކަމަށް ބުނެ، ސޯޝަލް މީޑިއާގައި ފުލުހުންގެ މައްޗަށް ތުހުމަތުތަކެއް ކުރަމުންދާ ކަމަށެވެ. ވުމާއެކު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަންގެ ގާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އެ މައްސަލަ ބަލަން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.

Ad by Hajj Corporation
މި މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ އިހުތިޖާޖު ހިނގައިދިޔަގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް -އެޗްއާރްސީއެމްއިންވެސް ވަނީ ބުނެފައެވެ.
އެ ކޮމިޝަނުން ބުނީ 16 ސެޕްޓެންބަރު 2025 ގައި މަޖިލީސް ދޮށުގައި ކުރިއަށްދިޔަ އިހުތިޖާޖުގައި ހިނގައިދިޔަގޮތުގެ މައުލޫމާތު އެއްކޮށް ތަހުގީގު ކުރުމުގެ މަސައްކަތާއި އަދި އިހުތިޖާޖުގެ ތަރެއިން ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރިކަމަށް ބުނާ މައްސަލަ ކޮމިޝަނުން ބަލާ ތަހްގީގު ކުރަމުންދާކަމަށެވެ. އަދި އިހްތިޖާޖު ކުރިއަށް ދިޔައިރު އެޗްއާރްސީއެމްގެ މުވައްޒަފުން އެ އިހުތިޖާޖު ގާތުން މޮނިޓަރ ކުރިކަމަށްވެސް އެޗްއާރްސީއެމްއިން ވަނީ މައުލޫމާތުދީފައެވެ.
އެޗްއާރްސީއެމްއިން ބުނީ ކޮމިޝަނުގެ އެންޓި-ޓޯޗަރ ސެކްޝަންއިން އިހުތިޖާޖާއި ގުޅޭ ކޭސްތައް ބަލަމުންދާކަމަށެވެ.
އަދި މިއީ ތަހުގީގުކުރަމުންދާ މައްސަލައަކަށްވާތީ ތަހުގީގު ނިމުމުން މައްސަލައާއި ގުޅޭ އިތުރު މައުލޫމާތު މީޑިއާތަކާ ހިއްސާކުރެވޭނެކަމަށް އެ ކޮމިޝަނުން މައުލޫމާތުދެއެވެ.
މީޑިއާ ބިލާ ދެކޮޅުހެދުމަށް މި މަހުގެ 16 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުގެ ރިވިއުއެއް ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުންވެސް ދަނީ ހަދަމުންނެވެ.
މި ރިވިއުގެ ނަތީޖާއިން، ފުލުހުން އަމަލުކުރަންޖެހޭ އެއްވެސް އުސޫލަކާ ހިލާފު އަމަލެއް ފާހަގަކުރެވިއްޖެނަމަ، ނުވަތަ އެއްވެސް ބާވަތެއްގެ ނޭދެވޭ އަމަލެއް ހިންގާފައިވާކަން ފާހަގަކުރެވިއްޖެނަމަ، އެކަމާ ގުޅޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަން ފުލުހުން ހާމަކުރެއެވެ.


