ސިނގިރޭޓު ގެއްލުމާ ގުޅުންހުރި މައްސަލަތަކެއް އިންޓަގްރިޓީ ކޮމިޝަނުން ބަލަނީ
1 ޑިސެމްބަރު 2025 - 07:17
%20(1).webp&w=1920&q=75)
ސިނގިރޭޓު ގެއްލުމާ ގުޅުންހުރި މައްސަލަތަކެއް އިންޓަގްރިޓީ ކޮމިޝަނުން ބަލަން ނިންމައިފިއެވެ.
ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނީ ކޮމިޝަނުގެ އަމިއްލަ އިސްނެގުމުގެ މަތިން ބަލަން ހަމަޖެހިފައިވާ މައްސަލަތަކަކީ ޤާނޫނާ ޚިލާފަށް، ސިނގިރޭޓު އެތެރެކޮށްފައިވާ ކަމަށް، ތުހުމަތުކުރެވުނު ދެ މައްސަލައަކާ ގުޅިގެން "ވިލިމާލެ ޕޮލިސް ސްޓޭޝަން"ގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި ސިނގިރޭޓް ކާޓަންތަކެއް ގެއްލިފައިވާ މައްސަލައާއި ޤާނޫނާ ޚިލާފަށް ސިނގިރޭޓު އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ވަގަށް ނަގައިފައިވާ މައްސަލައެވެ.
އެގޮތުން ޤާނޫނާ ޚިލާފަށް އެތެރެކޮށްފައިވާ ކަމަށް ތުހުމަތުކުރެވިގެން 2025 މޭ 2ވަނަ ދުވަހު ބިދޭސީއެއްގެ އަތުން އަތުލެވުނު 32 (ތިރީސް ދޭއް) ކާޓަންގެ ސިނގިރޭޓު ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ އެ ތަކެތި، 2025 ނޮވެންބަރު 2ވަނަ ދުވަހު މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާ ޙަވާލުކުރުމަށް ބެލިއިރު އޭގެ ތެރެއިން 6 (ހައެއް) ކާޓަން ސިނގިރޭޓް ގެއްލިފައިވާތީއާއި، އެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤުކުރުމުގެ ތެރޭގައި، 2024 ޑިސެންބަރު 23ވަނަ ދުވަހު، ދެ ބިދޭސީއެއްގެ އަތުން ހިފަހައްޓައި ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ބަހައްޓާފައި ހުރި 25 (ފަންސަވީސް) ކާޓަން ސިނގިރޭޓް ވެސް ނެތްކަން ފާހަގަވެފައިވާކަމަށް ފުލުހުން ބުނެފައިވާތީ، އެކަމުގައި ފުލުހުން ޤާނޫނާއި ގަވާއިދާއި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ޚިލާފު ޢަމަލެއް ހިންގާފައިވޭތޯ ބެލުމަށް ކޮމިޝަނުން ނިންމާފައިވެއެވެ.
އެއާއެކު ޤާނޫނާ ޚިލާފަށް އެތެރެކުރަނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ވަގަށް ނަގާފައިވާ މައްސަލާގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ޤާނޫނާއި ގަވާއިދާއި ޢަމަލުކުރަންޖެހޭ އުސޫލުތަކާ ޚިލާފު ޢަމަލެއް ހިންގާފައިވޭތޯ ބެލުމަށްވެސް ވަނީ ނިންމާފައެވެ.

Ad by Hajj Corporation
ވިލިމާލެ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓައި ގެއްލުނު 31 ކާޓޫން ސިނގިރޭޓް ވަގަށް ނެގި މައްސަލައާ ގުޅޭ އިދާރީ މައްސަލަ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުން ދަނީ ބަލަމުންނެވެ. އަދި މައްސަލައިގެ ޖިނާއީ ތަޙުޤީޤު ވަކި މައްސަލައެއްގެ ގޮތުގައި ދަނީ ބަލަމުންކަން ފުލުހުން ހާމަކުރެއެވެ. އަދި ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް، އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ވަގަށް ނެގި މައްސަލައިގެ ތުހުމަތަށް ހައްޔަރުކުރި ނުވަ މީހުންގެ ތެރެއިން ދެ މީހަކު ކުށަށް އިއުތިރާފުވެފައިވާއިރު އެ މައްސަލަ ވެސް ދަނީ ތަހުގީގުކުރަމުންނެވެ.


