logo
MPL

MPL

ޚަބަރު

ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާ އެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތެއް: ސީޕީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 އޯގަސްޓު 2026 - 18:25
ސީޕީ އަހްމަދު މުހައްމަދު، ފޮޓޯ: ޕޮލިސް
ސީޕީ އަހްމަދު މުހައްމަދު، ފޮޓޯ: ޕޮލިސް

ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާ އެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތަކާއި ޒިންމާއެއް ކަމަށާއި، ލިބުނު މަގާމުގެ ކުރިއެރުމާ އެއްވަރަށް މަސައްކަތުގެ ފެންވަރާއި، އަހުލާގާއި، ސުލޫކުން މުޅި މުއައްސަސާއަށާއި ރައްޔިތުންނަށް ނަމޫނާ ދައްކަންޖެހޭނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ބިލްޑިންގުގައި ބޭއްވި މި ރަސްމިއްޔާތުގައި މަގާމުގެ ކުރިއެރުން ލިބުނު ފުލުހުންނާ މުހާތަބުކުރައްވައި ކޮމިޝަނަރ ވިދާޅުވީ، ރޭންކެއް ބަދަލުވެގެން ދިއުމަކީ އިއްޔެ ކުރި މަސައްކަތަށްވުރެ ބޮޑަށް ފަރުވާތެރިވެ، އިތުރު ހަރުފަތެއްގެ ޒިންމާ އުފުލަންޖެހޭ ކަމެއް ކަމަށެވެ. އަދި ޕްރޮމޯޝަނަށް ފަހު މަސައްކަތުގެ މާހައުލަށް ނުކުންނައިރު، ހަވާލުކުރެވުނު ރޭންކާ އެއްވަރަށް ހިދުމަތުގެ ފެންވަރު ހިފެހެއްޓޭތޯ ބަލާނެ ފަރާތްތައް ގިނަވާނެކަން ފާހަގަކުރައްވައި، މުއައްސަސާގެ އެތެރެއިންނާއި ބޭރުން ވެސް ސުވާލު ނުއުފެދޭނެ ފަދަ ގޮތަކަށް، ލިބުނު މަގާމާ އެއްވަރަށް މަސައްކަތުގެ ނަތީޖާ ނެރެދީ، ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ރިވެތި ނަމޫނާއެއް ދެއްކުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުންގެ އަހުލާގީ މިންގަނޑުތަކަށް އަލިއަޅުއްވާލައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އަހުލާގަކީ އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގާނޫނު ތަންފީޒްކުރާ އެންމެ އިސް މުއައްސަސާގެ ކޮންމެ މުވައްޒަފެއްގެ ކިބައިގައި ކޮންމެހެން ހުންނަންޖެހޭ އަސާސީ ސިފައެއް ކަމަށެވެ.

"މިތަނުގައި އެންމެ ފުރަތަމަ ފެންނަން ޖެހޭނެ އަސާސީ ސިފައަކީ މަސައްކަތްކުރަން ތިބި ބައެއްގެ އަހުލާގު. އަހުލާގެއް ނެތިއްޔާމު ދެން މިތަނުގައި އަޅުގަނޑުމެންނަށް ނުކުމެ ރައްޔިތުންނަށް ކޮށްދެވޭނެ ކަމެއް ވެސް ނޯންނާނެ. އަދި ގާނޫނު ތަންފީޒުކުރަން ހަވާލުކޮށްފަ، ގާނޫނާ އެއްގޮތަށް ކަންކަން ތަރުތީބުކުރަން ހުންނަ މީހެއްގެ ކިބައިގައި އެ ސިފަ ނެތި، އޭނައަށް މީހެއް ކައިރީގައި ރަނގަޅުކުރަން ކަމެއް ބުނުމުގެ ހައިސިއްޔަތެއް ވެސް ނެތް،" ކޮމިޝަނަރ ވިދާޅުވިއެވެ.

ހަމައެއާއެކު، ފުލުހެއްގެ ގޮތުގައި ހުވާކޮށްގެން ހުރެ ރިވެތި އަހުލާގު ހިފެހެއްޓުމުގައި ދެމިނުހުރެވޭނެ ކަމަށް އިހުސާސްވާނަމަ، މުއައްސަސާއަށް ހުތުރު ނަމެއް ލިބޭނެ ފަދަ ކަންކަމަށް އަރައިގަތުމުގެ ބަދަލުގައި، މުއައްސަސާއިން އަމިއްލައަށް ވަކިވެގެން ދިއުމަކީ އެ ފުލުހަކަށާއި މުއައްސަސާއަށް ވެސް އެންމެ ފައިދާހުރި ގޮތް ކަމަށް ވިދާޅުވެ ކޮމިޝަނަރ ވަނީ މެސެޖެއް ދެއްވާފައެވެ. އަދި ޔުނިފޯމަކީ ހަމައެކަނި ހާއްސަ ޖަލްސާތަކަށް ޒީނަތްތެރިކޮށް އަޅަން އޮންނަ އެއްޗެއް ނޫން ކަމަށާއި، ރައްޔިތުންނާ ބައްދަލުވާ ކޮންމެ ދުވަހެއްގެ ޑިއުޓީގައި ވެސް ޔުނިފޯމަށް ދޭންޖެހޭ ގަދަރާއި އިހުތިރާމް ދީ، ގަވާއިދާ އެއްގޮތަށް ފުރިހަމައަށް ޔުނިފޯމު އެޅުމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ޖުމްލަ 331 އޮފިސަރަކަށް މަޤާމުގެ ކުރިއެރުން ދިނުމަށް ނިންމާފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅައެއްބައި ފުލުހުންނަށް މަގާމުގެ ކުރިއެރުން ހަވާލުކުރީ މި ރަސްމިއްޔާތުގައެވެ. އަދި އަތޮޅުތަކުގައި ހިދުމަތްކުރާ ފުލުހުންނަށް އެ ސަރަހައްދުތަކުގައި މަގާމުގެ ކުރިއެރުން ހަވާލުކުރުމުގެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށާއި، ޝަރުތު ހަމަވާ އެއްވެސް މުވައްޒަފެއްގެ ހައްގެއް ނުހިފަހައްޓައި ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ވެސް ސީޕީ ދެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުލުހުންގެ މުއައްސަސާއިން ހަވާލުކުރާ ކޮންމެ ރޭންކަކާ އެކު އޮތީ އެއަށްވުރެ ބޮޑު މަސްއޫލިއްޔަތެއް: ސީޕީޚަބަރު | ގަޑިއިރެއް ކުރިންފުލުހުންގެ ބޮޑު ކުރިއެރުމެއް: މާލެ އޭރިއާގެ 166 އޮފިސަރަކަށް ރޭންކުގެ ކުރިއެރުންޚަބަރު | 10 ގަޑިއިރު ކުރިންރެސްޓޯރެންޓެއްގައި އަންހެނަކަށާއި ވޭޓަރަކަށް ހަމަލާދީ މާރާމާރީ ހިންގައި ތަނަށް ގެއްލުން ދީފިޚަބަރު | 14 ގަޑިއިރު ކުރިންމީހެއްގެ އެކައުންޓުން 92،000 ރުފިޔާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން