ހައި ކޯޓަށް މާދަމާ ފަނޑިޔާރަކު ކަނޑައަޅައި އައްޔަންކުރަނީ
24 ސެޕްޓެމްބަރު 2025 - 11:44

ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ މަގާމަށް އައްޔަންކުރައްވާނެ ފަނޑިޔާރަކު ކަނޑައަޅައި އެ މަގާމަށް އައްޔަންކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ތާވަލްކޮށްފި އެވެ.
އެ ކޯޓުގެ ބެންޗުން ހުސްވި ދެ ގޮނޑިއަށް ފަނޑިޔާރުން ހޯދަން އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި 17 ބޭފުޅުންގެ ތެރެއިން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ ވަނީ އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިން އައްޔަނުކުރައްވާފައެވެ.

Ad by Hajj Corporation
އޭރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަކުރުމަށް ނިންމި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދު ފަނޑިޔާރުކަމާ ހަވާލުވުމަށް އުޒުރުވެރިވާކަން ހާމަކޮށް އެކަން ޖޭއެސްސީއަށް އެންގުމާ ގުޅިގެން އެ މަގާމަށް އިތުރު ބޭފުޅަކު ހޯދަން އަލުންވަނީ އިއުލާނުކޮށްފައެވެ.
ޖޭއެސްސީގެ ރައީސް ހުސެއިން ރިޒާއަށް އެޑްރެސްކުރައްވައި ޝަހީދު ފޮނުއްވި ސިޓީގައި އޭރު ވިދާޅުވެފައިވަނީ މަގާމާ ހަވާޅުވުމަށް އުޒުރުވެރިވި ސަބަބަކީ މަޤާމަށް ކުރިމަތިލުމުގެ ކުރިން މިނިސްޓްރީ އޮފް ހޯމްއެފެއާޒްގެ ނައިބު ވަޒީރު ކަމުގެ މަޤާމު އަދާކޮށްފައިވާތީ، ސިޔާސީ މީހެއްގެ ގޮތުގައި ރައްޔިތުންގެ ތެރެއިން ބަޔަކު އޭނާ ސިފަކޮށް އަދި އޭނާ މި މަޤާމާއި ޙަވާލުވެއްޖެނަމަ، ޖުޑީޝަރީގެ މިނިވަންކަމާއި މުސްތަޤިއްލުކަން ގެއްލިދާނެކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރާތީއާއި އަދި ފަނޑިޔާރުންގެ ނަޒާހާތްތެރިކަމާމެދު ރައްޔިތުންގެ މެދުގައި ސުވާލު އުފައްދަފާނެ އެއްވެސް ޖާގައެއް ނުދިނުމުގެގޮތުން ކަމަށެވެ.
ޝަހީދުގެ ބަދަލުގައި ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ޖޭއެސްސީން ހުޅުވާލާފައިވާއިރު އެ މަގާމަށް 14 ބޭފުޅަކު ވަނީ ކުރިމަތިލައްވާފައެވެ.
ހައިކޯޓަށް އައްޔަނުކުރާނެ ފަނޑިޔާރަކު ކަނޑައެޅުމަށް ކޮމިޝަންގެ ބައްދަލުވުމެއް މާދަމާ ބާއްވާނެކަމަށާއި އެއަށް ފަހު، ފަނޑިޔާރު ހުވާކުރަން ހަމަޖައްސާފައިވަނީ މާދަމާ ރޭ ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.