ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިލްތިމާސްތަކާ ޚިލާފަށް، ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރު ހުއްޓުވުމުގެ އިންޒާރު އިސްރާއީލުން ތަކުރާރުކޮށްފި

26 ސެޕްޓެމްބަރު 2025 - 08:52

ޣައްޒާއަށް އެހީ ގެންދާ އުޅަނދުފަހަރު އެ ސަރަޙައްދަށް ވަނުން ހުއްޓުވާނެ ކަމަށްބުނެ އަނިޔާވެރި އިސްރާއީލުން އެ އުޅަނދުތަކަށް ދެމުން އަންނަ އިންޒާރު ބުރާސްފަތި ދުވަހު ތަކުރާރުކޮށްފިއެވެ.
އިސްރާއީލުގެ ފަހުގެ އިންޒާރުގައި ބުނެފައި ވަނީ އެ ސަރަޙައްދަކީ ހަނގުރާމައިގެ ޢަމަލިއްޔާތުތައް ހިންގާ ސަރަޙައްދެއްކަމަށެވެ.

Ad by Hajj Corporation
ގިނަ ޤައުމުތަކުގެ އިންސާނީ އެހީއާއި އެކްޓިވިސްޓުން އިސްރާއީލުން 19 އަހަރު ވަންދެން ދަމަހައްޓާފައިވާ ބްލޮކޭޑް ގޮންޖެހުމުގެ ގޮތުން "ގްލޯބަލް ސުމޫދު ފްލޮޓިލާ" ގެ ނަމުގައި އުޅަނދުފަހަރުތަކެއް ދަތުރުކުރަމުންދާތާ ދުވަސްތަކެއް ވެއްޖެއެވެ.
އިސްރާއީލުގެ ޚާރިޖީ ވަޒީރު ގިޑިއަން ސާރު އެކްސް ގައި ވިދާޅުވެފައިވަނީ ޓެލް އަވީވުން ހަނގުރާމައިގެ ސަރަޙައްދަކަށް އުޅަނދުފަހަރު ވަނުމަކަށް ހުއްދައެއް ނުދޭނެ ކަމަށެވެ.
އިސްރާއީލުން ތަކުރާރުކޮށް ބުނަމުންދަނީ އެމީހުން ތަންފީޒުކުރަނީ "ޤާނޫނީ ކަނޑުގެ ބްލޮކޭޑެއް" ކަމަށެވެ. ނަމަވެސް، އެމްނެސްޓީ އިންޓަރނޭޝަނަލް ފަދަ އިންސާނީ ޙައްޤުތަކުގެ ޖަމާޢަތްތަކުން މި ދަޢުވާއާމެދު ސުވާލު އުފައްދައި، މި ބްލޮކޭޑަކީ ޖަމާޢީ އަދަބެއްގެ ގޮތުގައި ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފު ކަމެއް ކަމަށް ބުނެފައިވެއެވެ.
ސާރުގެ ބުނުމުގައި، އިޓަލީން ހުށަހެޅި ގޮތަށް ފްލޮޓިލާގެ މުދާ ގްރީކް ސައިޕްރަސްއަށް ބާލައި، އެއަށްފަހު ޣައްޒާއަށް ފޮނުވުމަށް އިސްރާއީލުން ޤަބޫލުކުރި ނަމަވެސް، މި ފްލޮޓިލާ އިންތިޒާމުކުރި ފަރާތްތަކުން އެކަން ދެކޮޅުހަދާފައިވާ ކަމަށް ބުނެފައިވެއެވެ. މިކަމުން ސާބިތުވަނީ އެމީހުންގެ އަސްލު މަޤްޞަދަކީ ޕްރޮވޮކޭޝަނާއި ހަމާސްއަށް ޚިދުމަތްކުރުން ކަމަށް އޭނާ ތުހުމަތުކޮށްފަވެއެވެ.
ޖީ.އެސް.އެފް (ގްލޯބަލް ސުމޫދު ފްލޮޓިލާ) ގެ ނަމުގައި އޮޕަރޭޓްކުރާ މި ބޯޓުފަހަރުގައި 50 އަށްވުރެ ގިނަ އާންމު ބޯޓު ހިމެނެއެވެ.