އިސްރާއީލުން ސުލްހައިގެ އެއްބަސްވުމަކަށް އަމަލެއްނުކުރޭ، ޣައްޒާ އޮތީ ހައްސާސް ހާލަތެއްގައި: ޤަތަރު
6 ޑިސެމްބަރު 2025 - 12:32

އިސްރާއީލުގެ އަމަލުތައް ހުރީ ސުލްހައިގެ އެއްބަސްވުމާ އެއްގޮތަށް ނޫން ކަމަށާއި ޣައްޒާ އޮތީ ހައްސާސް ހާލަތެއްގައި ކަމަށް ޤަތަރުން ބުނެފިއެވެ.
ޤަތަރުގައި ކުރިއަށްދާ "ދޯހާ ފޯރަމް 2025"ގައި ވާހަކަދައްކަވަމުން، ޤަތަރުގެ ބޮޑުވަޒީރު ޝައިޚް މުޙައްމަދު ބިން އަބްދުއްރަޙްމާން އަލް ތާނީ ވިދާޅުވީ، އިސްރާއީލުން ދެމުންގެންދާ ހަމަލާތަކަކީ ސުލްހައިގެ އެއްބަސްވުމާ ޚިލާފަށް ދެމުންދާ ހަމަލާތަކެއް ކަމަށެވެ. ޣައްޒާގެ ހާލަތު މިހާރުވެސް އޮތީ ވަރަށް ނާޒުކު ފައްތަރެއްގައިކަން ފާހަގަކުރައްވާ ވިދާޅުވީ، މިކަމުގައި މަޝްވަރާގެ ރިވެތި އުސޫލުގެ ތެރެއިން ތަންފީޒުކުރެވޭ ހަރުދަނާ ހައްލަކަށް ވާސިލުވާން ޖެހިފައިވާ ކަމަށެވެ.

Ad by Hajj Corporation
ދޯހާ ފޯރަމްގެ 23 ވަނަ އެޑިޝަންކުރިއަށް ދަނީ ޤަތަރުގެ ވެރިރަށުގައެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގެންނަވާ މަތީ ފަންތީގެ ބޭފުޅުންގެ ތެރޭގައި ސީރިއާ އާއި ގާނާގެ ރައީސުންނާއި ޤަތަރު އަދި ލުބްނާންގެ ބޮޑުވަޒީރު އަދި ތުރުކީގެ ޚާރިޖީ ވަޒީރު ވެސް ހިމެނިވަޑައިގަންނަވައެވެ.
ޤަތަރުގެ ބޮޑުވަޒީރު މިމޭރުމުން ވާހަކަދެއްކެވިއިރު، ހަރުކަށި ޔަހޫދީ އިސްރާއީލޭ ކިޔުނު ޣައިރު ޤާނޫނީ ދައުލަތުން ހިންގަމުންދާ ނަސްލުނައްތާލުމުގެ ޖަރީމާތަކުގައި ފަލަސްތީނުން ޝަހީދުކޮށްލި މީހުންގެ އަދަދު 70،000 ފަހަނައަޅާފައިވެއެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މިހާތަނަށް އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ 70،125 މީހުން ޝަހީދުވެ، 171،015 މީހުން ޒަޚަމްވެފައިވެއެވެ.
ފަލަސްތީނުގެ ޣައްޒާގެ ވެރިކަންކުރާ މުޖާހިދުންގެ ޖަމާއަތެއްކަމަށްވާ ހަމާސްއާއި އިސްރާއީލުގެ ޣައިރު ޤާނޫނީ ދައުލަތާ ދެމެދު ހަމަލާތައް ހުއްޓާލުމަށް އެއްބަސްވުމެއް ހަދާފައިވާތާ ފުރަތަމަ 50 ދުވަސް ފާއިތުވީއިރުވެސް އިސްރާއީލުން އަންނަނީ އެއްބަސްވުމާ ޚިލާފު އެތައް ކަމެއް ކުރަމުންނެވެ. މިގޮތުން ހިންގި ޖަރީމާތަކުގައި 375 މީހުން ޝަހީދުކޮށް، އެތައް އިމާރާތެއް ބިމާ ހަމަކޮށް، އެތައް ބަޔަކު މަގުމަތިކޮށް ހާލުގައި ޖައްސާފައިވެއެވެ.
އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންދާ ހަމަލާތައް ނުހުއްޓޭ ކަމަށާއި މިއަދު އެކަނިވެސް ގިނަ އަދަދެއްގެ އާންމު ގެތަކަށް ހަމަލާދީ ސުންނާފަތިކޮށްލާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.


