އިސްރާއީލު މައިތިރިއެއްނުވޭ؛ ލުބުނާނަށް ބޮން އަޅަނީ
23 ފެބްރުއަރީ 2026 - 15:43

އިސްރާއީލުގެ ހަރުކަށި ޔަހޫދީން ލުބުނާނަށް ބޮމުގެ ޙަމަލާތަކެއްދީ 10 މީހުން ޝަހީދު ކޮށްލައިފިއެވެ.
އިސްރާއީލުން ބޮން އަޅާފައި ވަނީ ލުބުނާނުގެ ބިޤާޢު ނަކަމަށް ކިޔާ ވާދީއަށެވެ.

Ad by Hajj Corporation
މިއީ ލުބުނާނުގެ ޙިޒްބުالله ޖަމާއަތާއެކު އިސްރާއީލުން ވެފައިވާ ސުލްޙައިގެ އެއްބަސްވުމާ ޚިލާފަށް ދީފައިވާ ޙަމަލާތަކެކެވެ.
މި ރަމަޟާންމަހު ބިޤާޢު ވާދީގެ ބަޢަލަބަކް ސަރަޙައްދަށް އަމާޒުކޮށް އިސްރާއީލުގެ ޖައްބާރު ނިރުބަވެރިން ދީފައިވާ ޙަމަލާތަކުގައި 50ށްވުރެ ގިނަ މީހުން ވަނީ ޒަޚަމުވެފައެވެ. ސުލްޙައިގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމަށް އެއްބަސްވެ އިސްރާއީލުން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ މުޖާހިދުންނަށް ކަމަށެވެ.
މިއީ، ފާއިތުވި ހަފުތާތަކުގެ ތެރޭގައި ލުބްނާންގެ އިރުމަތީ ސަރަޙައްދުތަކަށް އިސްރާއީލުން ދީފައިވާ އެންމެ ނުރައްކާތެރި ޙަމަލާތަކެވެ. މިޙަމަލާތަކާ ގުޅިގެން، 2024ވަނަ އަހަރުން ފެށިގެން ޙިޒްބުاللهއާއި އިސްރާއީލާ ދެމެދު އަމަލުކުރަމުންދާ ސުލްޙައިގެ އެއްބަސްވުން ދެމެހެއްޓުމަށް ވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.
މިސުލްޙައިގެ އެއްބަސްވުން އެކުލަވައިލާފައި ވަނީ އެމެރިކާގެ އިސްނެގުމުގެ ދަށުން ކުރެވުނު މަޝްވަރާތަކަށް ފަހުގައެވެ. ނަމަވެސް، އިސްރާއީލުން ދަނީ މެދުކެނޑުމެއް ނެތި އެ އެއްބަސްވުމާ ޚިލާފުވަމުންނެވެ.
ބަޢަލަބަކައަށް ދީފައިވާ ޙަމަލާތަކުގައި ޙިޒްބުاللهގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލާފައިވާނެ ކަމުގައި އިސްރާއީލުން ބުނި ނަމަވެސް ޙިޒްބުاللهން އެ ކަން ކަށަވަރު ކޮށްދީފައެއް ނެތެވެ.


