އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި 14 ފަލަސްތީނު މީހުން ޝަހީދުވެއްޖެ
9 ޖެނުއަރީ 2026 - 13:15

އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކެއްގައި ފަލަސްތީނު މީހުންތަކެއް ޝަހީދުވެއްޖެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން އިސްރާއީލުން ޣައްޒާއަށް ދިން ފަހުގެ ހަމަލާތަކުގައި ފަލަސްތީނުގެ 14 މީހަކު ވަނީ ޝަހީދުވެފައެވެ.

Ad by Hajj Corporation
މިއީ އިސްރާއީލުން ހަނގުރާމަ ހުއްޓާލުމުގެ އަމުރާ ހިލާފުވެ، މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ޝަހީދުކޮށްލި ހަމަލާތަކުގެ ތެރެއިން އެންމެ ފަހުން ދިން ހަމަލާއެވެ.
އިސްރާއީލުން ޢަމަލުނުކުރާތީ ނަމަކަށް ހަދާފައިވާ ސުލްހައިގެ އެއްބަސްވުމެއްގެ ގޮތުގައި އޮތް އެއްބަސްވުމުގެ ދެވަނަ ފިޔަވައްސާ ގުޅޭ މަޝްވަރާތައް ފަށަން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ރިޕޯޓުތައް ބުނާ ގޮތުން، ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ މެދުވެރިން، މިފަހަރު މަޝްވަރާ ކުރާނެ ކަމަށް ބެލެވެނީ އެމެރިކާގެ މިއާމީގައެވެ. މި އެއްބަސްވުމުގެ ފުރަތަމަ މަޝްވަރާތައް ކުރިއަށް ގެންދިޔައީ ގަތަރުގެ ވެރިރަށް ދޯހާގައެވެ.
މިމަޝްވަރާތަކުގައި އެމެރިކާގެ ހާއްސަ މަންދޫބު ސްޓީވް ވިޓްކޯފް އަދި ގަތަރު، މިސްރު، ތުރުކީގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ވެއެވެ.
މިމަޝްވަރާތައް ކުރިއަށް ގެންދާނެކަމުގެ އިޝާރާތެއް ވެފައިވީ ނަމަވެސް އިސްރާއީލުން ދަނީ އެ އެއްބަސްވުމާ ހިލާފުވެ، ނުރައްކާތެރި ހަމަލާތައް ދީ، އިންސާނީ އެހީ ފަލަސްތީނަށް ފޯރުކޮށްދިނުމަށް ހުރަސް އަޅަމުންނެވެ.
ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ އެއްބަސްވުމާ ޚިލާފަށް ފަލަސްޠީނުގެ ޣައްޒާއަށް އިސްރާއީލުން ދެމުންދާ އުދުވާނީ ޙަމަލާތަކާ ގުޅިގެން އެއްބަސްވުން ދެމެހެއްޓުމަށް ކުރަމުންދާ މަސައްކަތްތަކަށް ހިޔަނިއެޅެމުންދާ ކަމުގައި ވިދާޅުވެ، ޤަޠަރުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު އަލް-ޝައިޚް މުޙައްމަދު ބިން ޢަބްދުއްރަޙްމާން ބިން ޖާސިމް އަލް-ޘާނީ ވަނީ އިންޒާރު ކުރައްވައިފައެވެ.
އިސްރާއީލުން ހިންގަމުންދާ ޤަތުލުޢާންމު "ނަމެއްގައި" މެދުކަނޑައިލާފައި ވަނީ އޮކްޓޫބަރު 10 ދުވަހުއެވެ. އެ އެއްބަސްވުން އެކުލަވައިލުމުގައި ޤަޠަރުން ވަނީ އެމެރިކާއާ ގުޅި، މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ.
ނަމަވެސް، އެއްބަސްވުން ތަންފީޒު ކުރަން ފެށި ފަހުން ވެސް ޔަހޫދީން ދަނީ ޣައްޒާއަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ.


