ތ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ހިދުމަތް ފަށައިފި
26 ސެޕްޓެމްބަރު 2025 - 10:28
ތ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ބޭންކް އޮފް މޯލްޑިވްސް އޭޓީއެމް ބަހައްޓައި ހިދުމަތް ދޭން ފަށައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސްއިން "މުޅި ރާއްޖެއަށް ބިއެމްއެލް އޭޓީއެމް" މަޝްރޫއުގެ ދަށުން މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޢުދެކެވެ.
އަތޮޅުތަކުގައި، މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ޚިދުމަތް ފެށުމުގެ މަޝްރޫއުގެ ދަށުން ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ބަހައްޓާ ހިދުމަތް ދޭން ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު 13 ރަށަކަށް ވަޑައިގެންނަވާއިރު އޭގެ ތެރެއިން މިހާތަނަށް އޭޓީއެމް ހިދުމަތް ފެށިފައި ނުވާ 9 ރަށެއްގައި މިހާރު ހިދުމަތް ދޭން ވަނީ ފަށާފައެވެ.
ތ. އަތޮޅުގައި އޭޓީއެމް ހިދުމަތް ދޭން ފެށި ރަށްތަކަކީ، ތ. ބުރުނި، ތ. މަޑިފުށި، ތ. ވިލުފުށި، ތ. ކަނޑޫދޫ، ތ. ވަންދޫ، ތ. އޮމަދޫ، ތ. ކިނބިދޫ، ތ. ދިޔަމިގިލި އަދި ތ. ގާދިއްފުށި އެވެ.

Ad by Hajj Corporation
މި ރަށްތަކުގެ އޭޓީއެމް ބެހެއްޓުމުގެ އިތުރަށް ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން ތ. ވިލުފުށީގައި ބީއެމްއެލްގެ ބްރާންޗުގެ އިމާރާތުގެ އައު އިމާރާތުގެ ބިންގާ އަޅާފައެވެ.
"މުޅި ރާއްޖޭގައި އޭޓީއެމް ހިދުމަތް" ނަމުގައި ހާއްސަ މަޝްރޫއުއެއް އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ބެއްލެވުމުގެ ދަށުން ފަށާފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުއެވެ. މިމަޝްރޫއުގައި ދަށުން މިހާތަނަށް ތ. އަތޮޅު ހިމެނޭހެން 14 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި އޭޓީއެމް ހިދުމަތް ވަނީ ފަށާފައެވެ. މީގެ އިތުރުން ފަތުރުވެރިކަން ފުޅާވެފައިވާ ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމުގެ މަސައްކަތްވެސް ގައުމީ ބޭންކުން ދަނީ މަސައްކަތް ކުރަމުންނެވެ.
މި މަޝްރޫއުގެ ސަބަބުން ރަށްތަކުގެ އުޅޭ ރައްޔިތުންނަށް މާލީ ބާރުވެރިކަން ލިބި، ބޭންކިން ހިދުމަތް ހޯދުމަށް އެހެން ރަށްތަކަށް ދަތުރުކުރަން ޖެހުން ހުއްޓުމަކަށް އަންނާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.
މީގެ އިތުރުން މިހާރު ރަށްރަށުގައި ބަހައްޓާ އޭޓީއެމްތަކަކީ ފައިސާ ނެގުމާއި ޖަމާޢުކުރުމުގެ ހިދުމަތުގެ އިތުރުން އަސާސީ ބޭންކިން ހިދުމަތްތައް ލިބޭ އޭޓީއެމްތަކަށްވުމުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރެގެންވެސް ބޭންކިން ހިދުމަތް ހޯދުމަށް މިމަޝްރޫއުގެ ސަބަބުން މަގުފަހިވެގެން ދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.


