8 ދުވަހުން 31 ރަށަށް: ސާފުސީދާ މެސެޖެއް

27 ސެޕްޓެމްބަރު 2025 - 09:27

މިއީ އާދަޔާ ޚިލާފް ހިތްވަރެއްގެ ވާހަކައެވެ. ކެރުމާއި މުރާލިކަމުގެ މިސާލެއްގެ ވާހަކައެވެ. މަޝްވަރާއާއި އަޑުއެހުމުގެ ގާބިލުކަމުގެ އެންމެ މަތީ ދަރަޖައިގެ ވާހަކައެވެ. ރައްޔިތުންދެކެ ޙަޤީޤީ ލޯބިވާ އެ ރައްޔިތުމީހާގެ އަޑު ގާތުން އަހާ ވެރިއެއްގެ ވާހަކައެވެ. ރައްޔިތުންނާއެކު ވަގުތު ހޭދަކުރަށްވާ، އެވަގުތު ދެއްވާ ލާމަސީލު ރައްޔިތުންގެ ޚާދިމެއްގެ ވާހަކައެވެ.
އެކިވެރިންގެ ވެރިކަން ފެނި މާޒީގެ ސަފުހާގެ ތެރެއަށް ފަސްދީ ހިނގައްޖެއެވެ. ފަހުގެ ތާރީޚަކު ރައީސަކު އެއްފަހަރާ މިހާ ގިނަ ވަގުތެއް ރައްޔިތުންނަށް ދެއްވި ވާހަކައެއް އަޑެއް ނާހަމެވެ. މި ފަހުގެ ޖީލުގެ ހަނދާން ގެންގޮސްދޭ ހިސާބުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދައްކަވާ ބުންވަރާއި، ހިތްވަރު ދެއްކެވި ވެރިއެއް، ރައްޔިތުންނަށް ރައީސެއްގެ ވަގުތު ހުސްކޮށްލެއްވި އެހެން ވެރިއެއް ފެންނާކަށްނެތެވެ.

Ad by Hajj Corporation
ރައީސް މުޢިއްޒު 8 ދުވަސްތެރޭ 4 އަތޮޅެއްގެ 31 ރަށަކަށް
19 ސެޕްޓެމްބަރު 2025 ގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން އުޅޭ ހުރިހާ ރަށަކަށް އަށް ދުވަހު ދަތުރުފުޅެއް ފެއްޓެވުމުން ބައެއް މީހުން ހިތީ އަށް ދުވަސްއެއްކޮށް އެއްފަހަރާ ރައްޔިތުންނަށް ނުދެއްވާނޭ ކަމަށެވެ. އެއީ، ރައީސް މުޢިއްޒުފަދަ ވެރިއަކާމެދު ހިތައް އަރުވާލަންވެސް ނުވާވަރު އެއްޗެއްކަން އެބަޔަކަށް މި ދަތުރުފުޅުގެ ނިމުމާއެކު ހިތާހިތާކިޔާލެވޭނެއެވެ. 8 ދުވަސް ހޭދަކުރެއްވީ ރައްޔިތުންގެ އަޑުއަށްސަވާ، މަޝްވަރާކުރަށްވައި، ޚިޔާލު ހޯއްދެވުމުގައެވެ. މި 8 ދުވަހުން 31 ރަށަށް ޒިޔާރަތް ކުރެއްވީ ވަރުބަލިކަމެއް، މަޑުޖެހުމެއްނެތިއެވެ. ރައްޔިތުންގެ ކަންބޮޑުވުންތަކަށް ތަސައްލީ ގެނެސްދެއްވަމުން، ރައްޔިތުން އެދޭކަންކަން ހައްލުކޮށްދެއްވަމުން، އައު މަޝްރޫޢޫރައް އިފްތިތާޙްކޮށްދެއްވަމުން، އައު މަޝްރޫޢުތައް ފައްޓަވައި ދެއްވަމުން އަދި އައު މަޝްރޫޢުތައް ޢިއުލާންކުރަށްވަމުން އެ ވަޑައިގަތީ ރައްޔިތުން ހިނިތުންކުރުވަމުންނެވެ. ރައްޔިތުންނަށް އުންމީދާއި ޔަގީންކަން ދެއްވަމުންނެވެ.
ރައީސް މުޢިއްޒުގެ މި 8 ދުވަހުގެ ދަތުރުފުޅުގައި ވަޑައިގަތީ ފެލިދެއަތޮޅާއި، މުލަކަތޮޅާއި، ނިލަންދެއަތޮޅު އުތުރުބުރިއާއި ކޮޅުމަޑުލުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށެވެ. އެ އަތޮޅުތަކުގައި މީހުން އުޅޭ ޖުމްލަ 31 ރަށް އޮންނައިރު އެ ހުރިހާ ރަށަކަށް ވެސް ވަޑައިގަތެވެ. އެ ރަށްތަކަކީ ފެލިދެއަތޮޅު ފުލިދޫ، ތިނަދޫ، ފެލިދޫ، ކެޔޮދޫ، ރަކީދޫ، އަދި ނިލަންދެއަތޮޅު އުތުރުބުރީގެ ފީއަލި، ބިލެތްދޫ، މަގޫދޫ، ދަރަނބޫދޫ، ނިލަންދޫ، އަދި، މުލަކަތޮޅުން، ދިއްގަރު، މަޑުއްވަރި، ރަތްމަންދޫ، ވޭވަށް، މުލައް، ކޮޅުފުށި، ނާލާފުށި، މުލި، އަދި ކޮޅުމަޑުލު ބުރުނި، ވިލުފުށި، މަޑިފުށި، ދިޔަމިގިލި، ގުރައިދޫ، ކަނޑޫދޫ، ވަންދޫ، ހިރިލަންދޫ، ގާދިއްފުށި، ތިމަރަފުށި، ވޭމަންޑޫ، ކިނބިދޫ އަދި އޮމަދޫ އެވެ.
ރައްޔިތުންނަށް ވަގުތުދެއްވާ މުރާލި ވެރިއެއް
ފެލިދެއަތޮޅު ފެލިދޫން ފެއްޓެވި މި ދަތުރުގައި އެމަނިކުފާނު މީގެ ކުރީން ވެސް ރައްޔިތުންގެ ހާލު ބެއްލެވުމަށް ކުރައްވާ ދަތުރުފުޅުތަކެކޭ އެއްގޮތަށް ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި، އިސްރަށްވެހިންނާއި، އެކި މަސައްކަތްތެރީންނާއި އަދި ރައްޔިތުންނާއި ބައްދަލުކުރަށްވާފައިވެއެވެ. އެމަނިކުފާނު 8 ދުވަހުގެ ތެރޭގައި 192 އަށްވުރެ ގިނަ ގަޑިއިރު ހޭދަކުރެއްވީ ރައްޔިތުންނާއި ނުހަނު ގާތުގައެވެ. އެމަނިކުފާނުގެ ފަރާތްޕުޅުން ފެނުނީ ރައްޔިތުންނަށް ޚިދުމަތްކުރުމުގެ މަތިވެރި ޖޯޝެވެ. އެމަނިކުފާނުގެ މުރާލިފުޅުކަމާއި، ރައްޔިތުންނާއި ގާތުން މަސައްކަތްޕުޅުކުރެއްވުމުގެ ލާމަސީލު ނަމޫނާއަކީ ދިވެހި ޖީލުތަކަށް ވެސް ނަމޫނާއަކަށް ފުދެއެވެ.
ރައްޔިތުންނާއި ބައްދަލުވޭ، އަޑުހާ، އެންމެ ގާތުގައި
މީގެ ކުރީގެ ވެރިކަންތަކުގައި ފެނިގެންދިޔަ މަންޒަރަކީ އިންތިޚާބުތައް ބޯމަތިވުމުން ރައީސް އަކަށް ހުންނަވާ ބޭފުޅަކު އިންތިޚާބުތަކަށް ރައްތަކަށް ވަޑައިގަތް މަންޒަރެވެ. އެ ސަގާފަތް ބަދަލުކޮށްލެއްވި ވެރިއަކީ ރައީސް މުޢިއްޒު ކަމާމެދު ޝައްކެތްނެތެވެ. އެމަނިކުފާނު ވަނީ ވެރިކަމުގެ ފުރަތަމަ އަހަރު ވެސް އަތޮޅުތަކުގެ ރައްތަކަށް ދަތުރުފުޅު ފައްޓަވާފައެވެ. ގިނަ ރަށްތަކަކަށް މިހާރު ރިޕީޓްކޮށް ވެސް ވަޑައިގެންފައިވާއިރު، ވެރިކަމަށް 22 އަކަށް މަސް ހޭދަވީއިރު އެމަނިކުފާނު މިހާރު ރަސްމީ ދަތުރުފުޅެއްގައި ވަޑައިނުގަންނަވާ އޮތީ މަދު އަތޮޅުތަކެކެވެ.
އެމަނިކުފާނު ވިދާޅުވަނީ، ކައުންސިލުތަކުން ވެސް ބޮޑު ޚަރަދުކޮށްފައި ފޮށިތަންމަތި ބަނދެގެން މާލެ އަންނަން ނުޖެހޭނެކަމަށެވެ. ސީދާ ރައީސް އެ ކައުންސިލްތަކުގެ ދޮރުގައި ޓަކިދެއްވާނޭކަމަށެވެ. އެ ހަގީގަތް އެބަ ހާމަވެއެވެ. އެމަނިކުފާނު މެދުނުކެނޑި ރަށްތަކަށް ދަތުރުކުރަށްވަމުން ގެންދަވާއިރު، އަރިހުގައި އެރަށެއްގެ ކަންކަމާގުޅޭ ވަޒީރުންނާއި އެމްޑީން ހިމެނޭ ޓީމެއް ގެންދަވައެވެ. ސީދާ ރަށު ފަސްގަނޑުއި ތިބެގެން، ތަކުލީފެއްނެތި ކައުންސިލްތަކާއި ރައްޔިތު މީހާ އަށް ވެރިންނާއި ބައްދަލުކޮށް މަޝްވަރާކޮށް، ހައްލު ހޯދުމުގެ މަގު އެމަނިކުފާނު ވަނީ ތަންމިނަށް ހުޅުވައިދެއްވާފައެވެ.
މީގެ އިތުރުން އެމަނިކުފާނު ގެންދަވަނީ ރައްޔިތުންނާއި ވަރަށް ގާތުން މަސައްކަތްކުރަށްވަމުނެވެ. އޭގެ ތެރޭގައި "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ނަމުގައި ގެންދަވާ ޕްރޮގްރާމާއި، އަހާ ފޯރަމް ގޮތުގައި ގެންދަވާ ޕްރޮގްރާމާއި އަދި ''ރައީސްގެ ޖަވާބު''ފަދަ ޕްރޮގްރާމްތަކަކީ ސީދާ ރައީސާއި ރައްޔިތުންނާއި ގުޅުވާލަދޭ ފާލަންތަކެކެވެ.
ސާފުސީދާ މެސެޖެއް
އަޅުގަނޑުމެން ދިވެހިން ގައުމާމެދު ވަރަށް ފޮނި އުންމީދެއްކުރެއެވެ. އެންމެ ތަރައްގީވެފައިވާ ގައުމެއްގެ ގޮތުގައި ފުރިހަމަ ޚިދުމަތްތަކެއް އަތްފޯރާފަށުން ލިބެން އެދެއެވެ. މީހުން ދިރިއުޅޭ 186 ޖަޒީރާ ރަށް ތަރައްގީގެ ނާރެސް ތެރޭ އެތުރިފައި އޮތުމުން، މި ރަށްތައް ތަރައްގީކޮށް ހަމަހަމަ ވެރިކަމެއް ކޮށްދެވޭނެ ވެރިއެއް ރައްޔިތުން ބޭނުންވެއެވެ. މި ދަތިކަމުގެ ތެރެއިން ތަރައްގީގެ ކުރިބޯށިތައް އަތުރާލާނެ ސިކުނޑިއެއް ރައްޔިތުން ބޭނުންވެއެވެ. އެފަދަ ސިކުނޑިއެއްގެ ވެރިއަކަށް، ރައްޔިތުންގެ މި އުންމީދުތަކުގައި ކުލަޖައްސައިދެވޭނެ ވެރިއަކަށްވޭނީ އެފަދަ ވެރިއެއްގައި ޚާއްޞަ ސިފަތަކެއް ހުރެގެންކަން ގައިމެވެ. އެއީ އަޑުއެހުމާއި، ގާތުން މަސައްކަތްކުރުމާއި، ކެތްތެރިކަމާއި، މަޝްވަރާއާއި، މުރާލިކަމާއި، ތަޖުރިބާއާއި، ގާބިލް ތަޢުލީމީ ސިފައެވެ. ފެނިދިޔަ ތަނުގައި، ކަންހިނގާދިޔަ މަގަށް ބަލާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒަކީ މި ހުރިހާ ސިފައެއް ލިބިވަޑައިގެން ހުންނެވި ވެރިއެއްކަން ވަރަށް ސާފެވެ.
ރައީސް މުޢިއްޒު 8 ދުވަސްތެރޭ 4 އަތޮޅެއްގެ 31 ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ދެއްވި އަގުހުރި އެތައް މެސެޖެއްގެ ތެރެއިން އަންނަނިވި މެސެޖު ވަރަށް ޚާއްޞައެވެ. އެމަނިކުފާނު ވިދާޅުވީ، ބޭނުންފުޅުވަނީ ރައްޔިތުން ތިބިތަނަކަށް ސަރުކާރުން އައިސް ޚިދުމަތްތައް ޤާއިމުކޮށްދީގެން ޚިދުމަތްތައް ދެއްވުންކަމަށެވެ. ބޭނުންފުޅުވަނީ ބޮޑު އަގުގައި ދުރު ހިސާބުތަކަށް ގޮސްގެން ޚިދުމަތް ހޯދުމުގެ 'އަޅުވެތިކަން' ނިމުމަކަށް ގެނެސްދެއްވައި، ރައްޔިތުންނާ ހިސާބަށް ފަސޭހަކަން، ގެނެސްދެއްވުމަށް ކަމަށެވެ. ވަރަށް ސާދާ ވާހަކަފުޅެކެވެ.
ރައީސް މުޢިއްޒުގެ މި ސިފަފުޅުތަކަކީ ދިވެހިންގެ ކުރިމަގާމެދު ގޮތް ނިންމަން ކުރިމަގަށް ވެސް ލިބޭ ސާފުސީދާ މެސެޖެކެވެ.