މީޑިއާ ކޮމިޝަނަށް ކުރިމަތިލާ ފަރާތްތަކުން ކުށުގެ ރެކޯޑު ސާފުކުރަން އެދިއްޖެ
27 ސެޕްޓެމްބަރު 2025 - 10:32
(1)(1).webp&w=3840&q=75)
އަންނަ މަހު ބާއްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިހާބުގައި ވާދަކުރަން ނަން ހުށަހަޅާ ފަރާތްތަކުން ވީހާވެސް އަވަހަށް ކުށުގެ ރެކޯޑު ސާފު ކުރުމަށް ހުށަހެޅުމަށް ޑިޕަރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން އެދިއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން ބާއްވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ އިންތިހާބު އަންނަ މަހުގެ 11ވަނަ ދުވަހަށް ވަނީ ތާވަލުކޮށްފައެވެ. އެ މަގާމުތަކަށް ވާދަކުރަން ބޭނުންވާ ފަރާތްތަކަށް އަންނަ މަހުގެ 4ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ.

Ad by Hajj Corporation
ޑީޖޭއޭއިން ބުނީ، މީޑިއާ ކޮމިޝަންގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ރެކޯޑު ސާފުކުރަން ހުށަހަޅާ ފަރާތްތަކުގެ ރެކޯޑު ސާފުކުރުމުގެ މަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަށްޓަކައި ކޯޓުތަކާއި ގުޅިގެން އެ ޑިޕާޓްމަންޓުން މަސައްކަތް ކުރައްވަމުންދާ ކަމަށެވެ.
އެހެން ކަމުން ރެކޯޑު ސާފުކުރުމަށް ހަމަޖެހިފައިވަނީ އޮޓޮމޭޓަޑް ސެންޓްރަލް ޑޭޓާ ބޭސްއަކުންކަން ފާހަގަކޮށް ޑީޖޭއޭއިން ބުނީ، މުޅި ރާއްޖޭގެ ހުރިހާ ކޯޓުތަކުގައި ހުރި ކުށުގެ ރެކޯޑުތައް، ރެކޯޑް ޕޯޓަލަށް އަޅައި އަދާހަމަކުރެވިފައިނުވާ ކަމަށެވެ. އެހެންވެ، ކޯޓުތަކުން ވަކިވަކިން ރެކޯޑު ސާފުކުރުމަކީ ވަގުތު ހޭދަވާ ކަމެއް ކަމަށާއި ރެކޯޑުސާފުކުރުމަށް ހުށަހަޅާފަރާތްތަކުން ވަގުތު އޮއްވައި ހުށަހެޅުމަށް ސަމާލުކަން ދިނުމަށް ވެސް ޑީޖޭއޭއިން ވަނީ އެދިފައެވެ.
ޑިޖޭއޭއިން ބުނީ، މީޑިއާ ކޮމިޝަންގެ އިންތިހާބާ ގުޅިގެން ރެކޯޑު ސާފުކުރުމަށްޓަކައި އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު 13:00 ގެ ކުރިން ހުށަހަޅަންވާނެ ކަމަށާއި، އޭގެ ފަހުން ހުށަހަޅައިފިނަމަ އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑިއަށް ރެކޯޑު ސާފުކުރުމުގެ މަސައްކަތް ނުނިމުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.
ރެކޯޑު ސާފުކުރުމަށް އެދި ހުށަހަޅަންޖެހޭނީ ޑިޕާޓްމަންޓުގެ ރެކޯޑު ޕޯޓަލް records.judiciary.gov.mv މެދުވެރިކޮށެވެ.
7 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ މީޑިއާ ކޮމިޝަނަށް ބްރޯޑްކާސްޓަރުންނާއި އެހެނިހެން މީޑިއާތަށް ހިމެނޭހެން 4 މެންބަރުން އިންތިހާބު ކުރާނެއެވެ. އެއީ ބްރޯޑްކާސްޓިން ދާއިރާއިން ދެ މެންބަރުންނާއި އެހެނިހެން މީޑިއާތަކުން ދެ މެންބަރުންނެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލާފައިވާއިރު އެ ކޮމިޝަނަށް ކުރިމަތިލެވޭނީ އުމުރުން 30 އަހަރުވެފައިވާ މީޑިއާ ދާއިރާއިން ނުވަތަ ސިޔާސަތު ކަނޑައެޅުމުގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވާ ނުވަތަ ދާއިރާގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހުންނަށެވެ. މީޑިއާތަކުގެ އެޑިޓަރުންނާއި މަސްއޫލުވެރި ފަރާތްތަކަށް މެންބަރުކަމަށް ކުރިމަތި ނުލެވޭނެއެވެ.