މަސްތުވާތަކެތި ބޭނުންކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ދެ އަންހެނުންނާއި ފިރިހެނަކު ބަންދަށް
27 ސެޕްޓެމްބަރު 2025 - 18:56

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މާލެއިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި ތިން މީހުން ވެސް ހައްޔަރުކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެރޭ ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ މާލެ / މއ. މަޒާގެ، އުމުރުން 34 އަހަރުގެ މުޙައްމަދު އައިޝް އަޙްމަދުއާއި އޭނާގެ ކޮއްކޮ، 25 އަހަރުގެ އާމިނަތު ޢިއްލިއްޔީން އަޙްމަދުއާއި ހދ. ކުޅުދުއްފުށި / މަރިޔާޒް، 34 އަހަރުގެ ޢިނާޔަތު ޢަލީއެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން މުޙައްމަދު އައިޝް އަޙްމަދު 10 ދުވަހަށް އަދި އާމިނަތު ޢިއްލިއްޔީން އަޙްމަދާއި ޢިނާޔަތު ޢަލީ ހަތް ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.


