މިލަންދޫގައި ކޮއްތު ފައިސާ އަމިއްލަ އެކައުންޓަށް ޖަމާކުރި ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމައި، ސަސްޕެންޑްކޮށްފި
30 އޮކްޓޯބަރު 2025 - 02:57

ށ. މިލަންދޫގައި މަސައްކަތްކުރާ ފުލުހުންތަކެއްގެ އަމިއްލަ އެކައުންޓަށް ގިނަ އަދަދެއްގެ ކޮއްތު ފައިސާ ޖަމާކުރި މައްސަލައެއްގައި، ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ލަފާދީ، މައްސަލަ ނިމެންދެން އެ މީހުން ސަސްޕެންޑްކޮށްފައިވާ ކަމަށް އެނގިއްޖެއެވެ.
މި މައްސަލަ ބެލުމަށްފަހު މި ނިންމުން ނިންމާފައިވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުންނެވެ.

Ad by Hajj Corporation
ލިބިފައިވާ މައުލޫމާތުތަކަށް ބަލާއިރު، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން މި މައްސަލަ ބެލުމަށްފަހު ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، ހަތަރު މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމާފައިވެއެވެ. ސަސްޕެންޑްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ތިން ފުލުހަކާއި، ފުލުހުންގެ ދަށުން މަސައްކަތްކުރާ ސިވިލް ސްޓާފެކެވެ.
މީގެ އިތުރުން، މި މައްސަލައާއި ގުޅިގެން އިތުރު ފުލުހުންތަކެއްގެ މައްސަލަ ބަލައި، އޭގެ ތެރެއިން ބައެއް މީހުންގެ މަގާމު ދަށްކުރަންވެސް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. ނަމަވެސް، މައްސަލައިގައި ހިމެނޭ މީހުންގެ ސީދާ އަދަދާއި، އެ މީހުންގެ އެކައުންޓަށް ޖަމާކުރި ފައިސާގެ މިންވަރު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
އާންމުކޮށް ފުލުހުންގެ ކޮއްތުގެ ކަންކަން ހަވާލުކުރަނީ ބިޑް އުސޫލުން ކަމަށްވާއިރު، މިފަދަ ބޮޑެތި މައްސަލަތައް ފެންމަތިވަނީ ފައިސާގެ ބޭނުންކުރެވޭ ގޮތާމެދު ސުވާލު އުފެދެމުންނެވެ. މި އަހަރުގެ ބަޖެޓުގައި ފުލުހުންގެ ކެއުމުގެ ހަރަދަށް 168 މިލިއަން ރުފިޔާ، އަދި ކޮއްތު އެލަވަންސްގެ ގޮތުގައި ވަކިވަކި މުވައްޒަފުންނަށް 87 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.


