ފެނަކަ ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ 4 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
28 ސެޕްޓެމްބަރު 2025 - 11:18

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ އޭނާ 4 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.
ސައީދުގެ މައްޗަށް ހުކުމްކުރީ ފެނަކަ އާއި ބްލޭޒަން އިންކް ކުންފުންޏާ އެކު 2019ގައި ހެދި އެއްބަސްވުމެއްގެ ދަށުން ބްލޭޒަން އިން ކުރަން ޖެހޭ މަސައްކަތް ނިންމިކަން ޔަގީންނުކޮށް މަސައްކަތަށްވާ ފައިސާ ދޫކުރި މައްސަލައެއްގެ ދައުވާއަށެވެ.

Ad by Hajj Corporation
މި މައްސަލައިގައި ސައީދުގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.
ފެނަކައަށް 9 ލައްކައަށް ވުރެ ގިނަ ރުފިޔާއިން ގެއްލުންވިކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ކްރިމިނަލްކޯޓުން ހުކުމްކުރީ ސައީދު 4 އަހަރަށް ޖަލަށް ލުމަށެވެ.
ކުށުގެ އަސާސީ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލުހުކުމެކެވެ. ނަމަވެސް ކުށުގެ ދަރަޖަތައް އިތުރުކޮށް ކޯޓުން ވަނީ އަދަބު 4 އަހަރަށް މަތިކޮށްފަ އެވެ.
ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުއާއި ސައީދުގެ މައްޗަށް ޑިސެންބަރު 2024 ގައި އެ ދައުވާކޮށްފައިވަނީ 2018 ވަނަ އަހަރު ހިންގި މުއާމަލާތަކާ ގުޅިގެންނެވެ.އެ މައްސަލަ ސާބިތުވާ ކަމަށް ކަނޑައަޅައި، ސައީދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރިކަމުގެ ކުށުން ކުށްވެރިވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. އެކަމަކު، އެ މައްސަލައިގައި މިހާތަނަށް ކޯޓުން އަދަބު ކަނޑައަޅާފައެއް ނުވެއެވެ.ނަމަވެސް އަދަބު ކަނޑައެޅުމުގެ ޝަރީއަތުގެ މަޖިލިސް ދަނީ ކުރިއަށެވެ.
.ސައީދުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެފައިވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކައާ ގުޅޭ ގޮތުން އެކުލަވައިލި ޚާއްސަ އޮޑިޓް ރިޕޯޓާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުމާއި ނުރުހުން އޭނާއަށް އަމާޒުވެފައި އޮއްވައެވެ.އެ މައްސަލަތައް ތަހުގީގުކޮށް، ފިޔަވަޅު އަޅަން އަންގަވާފައިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަނީ ވިދާޅުވެފައެވެ. އެހެންވިޔަސް ސައީދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ، އޮޑިޓް ރިޕޯޓު ގޯސް ކަމަށާއި ހުރިހާ ކަމެއް ވެސް ކޮށްފައިވާނީ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ދަރަނި ބޮޑުވެ، ނުހިންގޭވަރުވެފައި އޮތް ފެނަކައަކީ ޒަމާނުއްސުރެ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް އަމާޒުވެފައި އޮތް ކުންފުންޏެކެވެ. އެ ކުންފުނީގެ ދަރަނި އިންތިހާއަށް ބޮޑުވެ، ދައުލަތަށް ބޮޑު މާލީ ބުރައަކަށް ވަނީ ވެފައެވެ.