ފެނަކައިން ކެމެރާ ހަރުކުރާނެ ބަޔަކު ކަނޑައެޅުމުގައިވެސް ކޮރަޕްޝަން
1 ޑިސެމްބަރު 2025 - 11:08

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ބަޔަކާ ޙަވާލުކުރުމުގައި، ކޮރަޕްޝަންގެ ޢަމަލުތަކެއް ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، އެ ކުންފުނީގެ މުވައްޒަފުން ތަކެއްގެ މައްޗަށް ދައުވާކުރަން ހުށަހަޅައިފިއެވެ.
މި މައްސަލައިގައި ދައުވާ ކޮށްފައިވަނީ، މ. ފެހިވިދުވަރުގެ، އިސްމާޢީލް ޝަމްޢޫންއާއި، ޏ. ފުވައްމުލައް، ހޯދަޑު، މައިޒާން ގެ އިތުރުން، މަރްޔަމް ދީނާ ޞާލިހުގެ މައްޗަށްށެވެ.

Ad by Hajj Corporation
މި މީހުންގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ އެވެ.
މި ދަޢުވާ ކޮށްފައިވަނީ މަރްޔަމް ދީނާ ޞާލިޙް ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޕްރޮކިއުމަންޓް ޑިޕަރޓްމަންޓްގެ ޑެޕިއުޓީ ޑިރެކްޓަރުގެ ގޮތުގައި ހުރެ، އަދި އިސްމާޢީލް ޝަމްޢޫން ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ޑިޕަރޓްމަންޓްގެ ހެޑުގެ ގޮތުގައި ހުރެ، 25 ޖޫން 2018 ދުވަހު ފެނަކައިގެ ހުރިހާ ބްރާންޗެއްގައި ސެކިއުރިޓީ ކެމެރާ ސިސްޓަމަކާއި، ހެޑް އޮފީހުގައި ކޮމާންޑް ސެންޓަރަކާއި، އަދި ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމް ގާއިމުގެ މަސައްކަތް ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑާ ޙަވާލުކުރުމުގައި ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް، ކެއިރެޓްސޫ ކުންފުނިން ފެނަކަ އަށް ލިބެންޖެހޭ މުދާ ހަމައަށް ނުލިބެނީސް އެ މުދަލަށްވާ ފައިސާ އެ ކުންފުންޏަށް ލިބިދިނުމުގައި މި ދެމީހުންގެ ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާތީއެވެ.
މި މައްސަލައަށް ކަނޑައަޅާފައިވާ އަދަބަކީ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ މުއްދަތަކަށް ޖަލަށް ލުމެވެ.
ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ފެނަކައިގެ ތެރެއިން ހިންގާފައިވާ ކޮރަޕްޝަނާއި ހިޔާނާތުގެ ގިނަ މައްސަލަތަކެއް މިފަހުން ފެންމަތިވެފައިވެއެވެ. އެގޮތުން 2023 ވަނަ އަހަރުގެ އޮޑިޓް ފެށިއިރު، އެ ކުންފުނީގެ 12،000 ޕާޗޭސް އޯޑަރާއި ގާތްގަނޑަކަށް 3 ބިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތްތައް ސިސްޓަމަށް ނާޅާ ހުރިކަން، އޮޑިޓް އޮފީހުން އާންމުކުރި މައުލޫމާތުން ވަނީ ހާމަވެފައެވެ.
މީގެއިތުރުން ވެސް ފެނަކައިގެ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ އެތައް މައްސަލައެއް އޮޑިޓް ރިޕޯޓުން ހާމަވެފައިވެއެވެ.


