ބެލަންޑޯ ގެއްލުމަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި ޔަމާލް ތަފާތު މޮޅުކުޅުމެއް ދައްކައިފި
29 ސެޕްޓެމްބަރު 2025 - 05:34

ސްޕެނިޝް ލަލީގާގައި ބާސެލޯނާ އިން ރެއަލް ސޮސިއެޑާޑް އަތުން މޮޅުވެ ލަލީގާގެތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ. ރޭގައި ބާސެލޯނާގެ ސްޓޭޑިއަމް މޮންޖުއިކް ގައި ކުޅުނު މިމެޗު ބާސެލޯނާއިން ކާމިޔާބުކުރީ ފަހަތުން އަރައި ދެގޯލުޖަހައިގެންނެވެ.
މެޗުގެ ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީ ރެއަލް ސޮސިއެޑާޑުންނެވެ. 31 ވަނަ މިނެޓުގައި އަލްވަރޯ އޮޑްރިއޯސޯލާ ވަނީ ގޯލެއް ކާމިޔާބުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ދެ މިނެޓު ކުރިން މާކަސް ރަޝްފޯޑް ނެގި މޮޅު ކޯނަރެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެންކުންޑޭ ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ.

Ad by Hajj Corporation
އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށް ފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި، ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ހުރެފައި ކުޅެން ނިކުމެ އެންމެ މިނެޓެއްގެ ތެރޭގައި ޔަމާލް ވަނީ މޮޅުވި ގޯލުގެ އެސިސްޓް ހަދައި، މެޗުގެ ނަތީޖާ ބަދަލުކޮށްލަދީފައެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ރޮބަޓް ލެވަންޑޮފްސްކީ އެވެ.
އެތުލެޓިކޯ މެޑްރިޑް އަތުން ރެއަލް މެޑްރިޑް 5-2 އިން ބަލިވުމުގެ ފައިދާ ނަގައި، ބާސާ އިން ވަނީ ކްލާސިކޯގެ ވާދަވެރިން ފަހަތަށް ޖައްސާލައި ލަލީގާގެ އެއްވަނަ ހޯދާފައެވެ.