ރެއާލް މެޑްރިޑްގެ ނުރުހުމާއެކުވެސް، ބާސާގެ ލީގު މެޗު މެސީގެ މަޔާމީ ސިޓީގައި ކުޅޭގޮތަށް ނިންމައިފި
6 އޮކްޓޯބަރު 2025 - 17:27

ލަ ލީގާގެ މެޗެއް ޔޫރަޕުން ބޭރުގައި ފުރަތަމަ ފަހަރަށް ކުޅޭ ގޮތަށް ހުއްދަދީފިއެވެ. އެގޮތުން ލަލީގާގައި ބާސެލޯނާ އާއި ވިލަރިއާލްގެ މެޗު އެމެރިކާގެ މަޔާމީގައި ބޭއްވުމަށް ޔުއެފާއިން ވަނީ މިހާރު ހުއްދަ ދީފައެވެ.
2026 ވަނަ އަހަރުގެ ޖެނުއަރީ މަހު ކުޅުމަށް ހަމަޖެހިފައިވާ މި މެޗަކީ، ލަ ލީގާއިން އެމެރިކާގެ ސަޕޯޓަރުންނާ ހަމައަށް ވާސިލުވުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުޅޭ މެޗެކެވެ. ނަމަވެސް ޔުއެފާއިން ބުނީ މިއީ އާންމު އުސޫލެއްގެ ގޮތުން ގެންގުޅޭ ސިޔާސަތަށް ގެނެވުނު ބަދަލެއް ނޫން ކަމަށެވެ.

Ad by Hajj Corporation
"ޔުއެފާއިން މިއަދުވެސް ތަކުރާރުކޮށް ބުނަނީ، ޤައުމީ ލީގުތަކުގެ މެޗުތައް އެ ޤައުމުން ބޭރުގައި ކުޅުމާމެދު އިދިކޮޅު ކަމަށް،" ބާސެލޯނާގެ މެޗު އެމެރިކާގައި ކުޅުމަށް ހުއްދަދެމުން ޔުއެފާގެ ބަޔާނުގައި ބުނެފައިވެއެވެ.
ޔުއެފާގެ ރައީސް އަލެކްސަންޑަރ ސެފެރިން ވިދާޅުވީ ލީގު މެޗުތައް ކުޅެންވާނީ އަމިއްލަ ގައުމުގައި ކަމަށާއި، އެހެން ގޮތަކަށް ކުޅުމުން ވަފާތެރި ސަޕޯޓަރުންގެ ހައްގުތަކަށް އުނިކަން އަންނާނެ ކަމަށެވެ. އަދި މުބާރާތުގެ ސަލާމަތްތެރިކަމަށްވެސް ނޭދެވޭ އަސަރު ކުރާނެ ކަމަށް ވިދާޅުވިއެވެ.
"މި ދެ މެޗު ކުޅުމަށް ހުއްދަ ދޭން ޖެހުނު ކަމީ ހިތާމަހުރި ކަމެއް. ނަމަވެސް މިއީ ވަކި ޚާއްސަ ހާލަތެއްގައި ނިންމި ނިންމުމެއް. މިއީ މިކަމުގައި އާންމު އުސޫލެއް ކަނޑައެޅުމުގެ ގޮތުން ނިންމި ނިންމުމެއް ނޫން،" ސެފެރިން ވިދާޅުވިއެވެ.
މިމެޗަކީ ވިލަރެއާލްގެ އަމިއްލަ ދަނޑުގައި ކުޅެން ހަމަޖެހިފައިވާ މެޗެކެވެ. އެހެންކަމުން މިފަދަ މެޗެއް ނިއުޓްރަލް ވެނިއު އަކަށް ބަދަލުކުރުމުން ހޯމް ޓީމުގެ އެޑްވާންޓޭޖް ގެއްލޭނެކަމަށް ޤަބޫލުކޮށް ރެއާލް މެޑްރިޑުން ވަނީ މިކަމާއި ދެކޮޅަށް ޔުއޭފާއަށް މައްސަލަ ހުށަހަޅާފައެވެ. ރެއާލް ގެ ހުށަހެޅުމުގައި ބުނެފައިވަނީ ލީގުގެ އެންމެ މައިގަނޑު އެއް އަސާސަކީ 19 މެޗު އަމިއްލަ ދަނޑުގައި، އަދި އަނެއް 19 މެޗު އިނދިކޮޅު ޓީމުގެ ދަނޑުގައި ކެޅޭގޮތަށް އޮތުންނަމަވެސް، މިގޮތަށް ނިއުޓްރަލް ދަނޑެއްގައި އަވޭ މެޗް ކުޅެން ޖެހުމުން ބާސެލޯނާއަށް ނުޙައްޤު ފައިދާ ލިބޭނެކަމަށެވެ.
ބާސެލޯނާ އާއި ވިލަރެއާލް އިން މި މެޗު އެމެރިކާގައި ކުޅެން އެއްބަސްވީ މިމެޗުގެ ސަބަބުން ބާސެލޯނާ އަދި ވިލަރެއާލް އަށް މާލީ ގޮތުންނާއި ޓީމު އެމެރިކާގައި ޕްރޮމޯޓް ކުރުމަށް އިތުރު ފުރުސަތެއް ލިބިގެންދާނެތީއެވެ.
ޔުއޭފާއިން މިއަދުގައި މިމެޗުގެ އިތުރުން، އޭސީ މިލާން އާއި ކޯމޯގެ މެޗު އޮސްޓްރޭލިއާގެ ޕާރތުގައި ކުޅުމަށްވެސް ޔުއެފާއިން ވަނީ ހުއްދަ ދީފައެވެ.