ބާސެލޯނާގެ ރައީސްކަމަށް ކުރިމަތިލާން ތިބި ކެންޑިޑޭޓުން ލަޕޯޓާއާ ދެކޮޅަށް އެއްބައިވެއްޖެ
14 އޮކްޓޯބަރު 2025 - 05:59

ބާސެލޯނާގެ ރިޔާސީ އިންތިޚާބަށް ކުރިމަތިލާން ތިބި ފާހަގަކޮށްލެވޭ ކެންޑިޑޭޓުން ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި އެއްބައިވެ، ކުރިއަށް އޮތް އިންތިޚާބަށް ލަޕޯޓާއާއި ދެކޮޅަށް ވަރުގަދަ ކެމްޕޭނެއް ކުރަން ތައްޔާރުވަމުންއެބަދެއެވެ.
މިއީ މިހާރުގެ ރައީސް ޖުއާން ލަޕޯޓާ ބަލިކުރެވޭނެ ހަމައެކަނި ގޮތް ކަމަށް ބެލެވޭ ރޭވުންތެރި ޕްލޭނެއް ކަމަށް ވެއެވެ. ކްލަބުގެ ގިނަ ސޯސިއޯސްތަކުގެ ތާއީދު މިހާރު ލަޕޯޓާއަށް ލިބިފައިވަނީ، ކްލަބުގެ ބޮޑު ދަރަނި ކުޑަކުރުމަށް އޭނާ ކޮށްފައިވާ މަސައްކަތްތަކުގެ ސަބަބުންނެވެ.

Ad by Hajj Corporation
ބާސެލޯނާ އަދިވެސް މާލީ ގޮތުން ދަތި ހާލަތެއްގައި އޮތް ނަމަވެސް، ލަޕޯޓާ އާއި އޭނާގެ ބޯޑުން ވަނީ އެސްޕައި ބާސާ ޕްރޮޖެކްޓްގެ ދަށުން އައު ކެމްޕް ނޫ އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑު ހިތްވަރެއް ދައްކާފައެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން ދެކޭ ގޮތުގައި ލަޕޯޓާ ވަނީ އޭނާގެ ވައުދުތައް ފުއްދުމުގައި ފެއިލްވެފައެވެ. އަދި ބާސެލޯނާ މިހާރު އޮތް ހާލަތަށްވުރެ މާ ރަނގަޅު ހާލަތެއްގައި އޮންނަންޖެހޭ ކަމަށް އެފަރާތްތަކުން ޤަބޫލުކުރެއެވެ.
2026 ވަނަ އަހަރުގެ ފަހު ކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ ވަރަށް ޝައުގުވެރިކަން ބޮޑު އިންތިޚާބަކަށް ވާނެ ކަމަށް ބެލެވެއެވެ.