މީޑިއާ ކޮމިޝަނަށް މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލައިފި
30 ސެޕްޓެމްބަރު 2025 - 10:23

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނުނޫގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނުގެ ދަށުން މީޑިއާތައް ރެގިއުލޭޓް ކުރާ އައު ކޮމިޝަނަށް މީޑިއާތަކުން އިންތިޚާބު ކުރާނީ 4 މެންބަރުންނެވެ. އެއީ ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުންނެވެ. މި ކޮމިޝަނުގައި ޖުމްލަ ހަތް މެންބަރުންގެ އެކުލެވޭއިރު ބާކީ ތިން މެންބަރުން ކަނޑައަޅާނީ ރައްޔިތުންގެ މަޖިލީހުންނެވެ.

Ad by Hajj Corporation
މަޖިލީހުން މިއަދުވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނަށް 3 މެންބަރުން ރައްޔިތުންގެ މަޖިލީހުން ކަނޑައެޅުމަށްޓަކައި، އެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު މިއަދުން ފެށިގެން ހުޅުވާލާފައެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ޤާނޫނު ގެ 26 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނަށް ޢައްޔަންކުރެވޭ މެންބަރުން، މެންބަރުކަމުގެ މަޤާމުގައި ދެމިތިބޭނީ 5 އަހަރު ދުވަހުގެ މުއްދަތަށެވެ. އެ ޤާނޫނުގެ ދަށުން މެންބަރުކަމަށް ޢައްޔަންކުރެވޭ އެއްވެސް މީހަކަށް ވިދިވިދިގެން ނުވަތަ އެނޫންވެސް ގޮތަކަށް 2 ދައުރަށްވުރެ ގިނަ ދުވަހު މެންބަރުކަމުގައި ނުހުރެވޭނެއެވެ.
ބްރޯޑްކާސްޓަރުން ތަމްސީލުކުރައްވާ ދެ މެންބަރުންނާއި އެހެނިހެން މީޑިއާތައް ތަމްސީލުކުރައްވާ ދެ މެންބަރުން އިންތިހާބުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އިލެކްޝަން ކޮމިޝަނުންނެވެ.
ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމަށް އިލެކްޝަން ކޮމިޝަނުން ނަގާ ވޯޓު، ނެގުން އޮންނާނީ އޮކްޓޯބަރު މަހުގެ 11 ވަނަ ދުވަހުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ.
އެ އިންތިޚާބުގައި 353 މީޑިއާއަކަށް ވޯޓުލެވޭކަން އިލެކްޝަންސް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.
އައު ޤާނޫނުގައިވާ ގޮތުގެ މަތީން އުފެއްދެވި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި މި ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ ސުލޫކީ މިންގަނޑުތަކާއި ޤާނޫނުގައި ބަޔާންކުރާ އުސޫލުތަކާ ޚިލާފަށް ޢަމަލުކުރާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނާ ގުޅޭގޮތުން ޝަކުވާ ހުށަހެޅޭނެ ނިޒާމެއް ޤާއިމުކުރަންޖެހޭނެއެވެ. އަދި އެކަންކަން ބަލައި، ސުލޫކީ މިންގަނޑުތަކާ ޚިލާފުވާ ފަރާތްތަކުން ޚިލާފުވި ޚިލާފުވުން ބަލައި ފިޔަވަޅު އެޅުމަކީ ކޮމިޝަނުގެ މަސްއޫލިއްޔަތެކެވެ.