ސިނގިރޭޓު ވަގަށް އެތެރެކުރި މައްސަލައިގައި ކަމާ ބެހޭ އިދާރާތައް 241 ކޮމިޓީއަށް ހާޒިރުކުރަނީ
16 އޮކްޓޯބަރު 2025 - 16:13

ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް، މިދިޔަ އަހަރުގެ އޭޕްރީލް މަހު ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރެޓް އެމްޕީއެލް ހުޅުމާލެ ބަނދަރުގައި ބަހައްޓާފައި ހުއްޓާ ގެއްލުނު މައްސަލައިގައި ސަރުކާރުގެ ކަމާ ބެހޭ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މިދިޔަ އޭޕްރީލް މަހު ކަސްޓަމްސްއިން ހިފެހެއްޓި ދެ ކޮންޓެއިނަރުގައި ހުރި ސިނގިރޭޓު ވަގަށް ނެގުމުގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށީ މިދިޔަ ހަފުތާގައެވެ. މި މައްސަލައާ ގުޅިގެން އާއްޓޭ އަދި ދިގަލި ހިމެނޭ ގޮތަށް ޖުމުލަ ހަތަރު މީހަކު ވަނީ ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.

Ad by Hajj Corporation
މަޖިލީހުން ވަނީ އަންނަ އާދިއްތަ ދުވަހުގެ މެންދުރު 2:00 އަށް ކޮމިޓީ ބައްދަލުވުމެއް ތާވަލުކޮށްފަ އެވެ. މެންދުރަށް އެނގިފައިވާގޮތުގައި މި ޖަލްސާއަށް ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން ކަސްޓަމްސް އާއި އެމްޕީއެލުގެ އިސް ބޭފުޅުން ހާޒިރުކޮށް ސުވާލުކުރަން މި މައްސަލައިގައި ސުވާލުކުރަން ވަނީ ނިންމާފައެވެ.
ރާއްޖެ އަށް ވަގަށް އެތެރެކުރި 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި ހުރީ 1،360 ކޭސް ސިނގިރޭޓެވެ. އެއީ ޖުމްލަ 13.6 މިލިއަން ސިނގިރޭޓް ސްޓިކެވެ.
ކަސްޓަމްސް އިން ބުނެފައިވާ ގޮތުން އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ އެވެ.