އެމްޑީޕީން ގެންގުޅެނީ ދޭތެރެ ޖެއްސުމުގެ ޚާރިޖީ ސިޔާސަތެއް - މުންދު


29 ސެޕްޓެމްބަރު 2024 - 05:51
އެމްޑީޕީން ގެންގުޅެނީ ދޭތެރެ ޖެއްސުމުގެ ޚަރިޖީ ސިޔާސަތެއް ކަމަށް ރާއްޖެއިން ޔޫއޭއީ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުޙައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އ.ދ އަށް ކުރެއްވި ދަތުރުފުޅާއި ގުޅޭގޮތުން ރޭ "ސަންގުޓީވީ"ގައި ވާހަކަދައްކަމުން މުންދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު ރާއްޖޭގެ ތަސައްވުރާއި، ރާއްޖޭގެ ސިޔާސަތު ބޭރު ދުނިޔެ އަށް އޮތީ ސާފުކޮށްދޭންޖެހިފައި ކަމަށާއި އެފަދަ ކަންކަން ފާއިތުވި 10 އަހަރުތެރޭ އެމްޑީޕީން ވަނީ ކިލަނބުކޮށްލާފައި ކަމަށެވެ.
އެމްޑީޕީ އަކީ ވެރިކަން ބޭނުންވުމުން ބޭރު ދުނިޔޭގައި ރާއްޖޭގެ އަގުވައްޓާލަން ފަސްޖެހޭނެ ބައެއް ނޫން ކަމަށާއި މި ހަގީގަތް ތާރީހަށް ބަލާލުމުން ފެންނާނެ ކަމަށް މުންދު ވިދާޅުވި އެވެ. ވެރިކަމަށް އަންނަން ވެގެން ރާއްޖޭގެ ރަށްތަކެއް ޗައިނާ އަށް ވިއްކާލާފައިވާ ކަމަށް ބުނެ އިންޑިއާ އަށް ބިރު ދެއްކުމުގެ ގޮތުން އެމްޑީޕީން ވާހަކަތަކެއް ދެއްކި ކަމަށާއި ވެރިކަމަށް އައުމަށްފަހު ވެސް ޗައިނާ އަށް ވިއްކި ކަމަށް ބުނާ ރަށްތަކެއް ނުދެއްކުނު ކަމަށް މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ އެމްޑީޕީން ވެރިކަން ހޯދުމަށް ދޭތެރެ ޖެއްސުމާއި، ދެބައޮޑުވުމާއި، ޓެކުމާއި މި ބާވަތުގެ ކަންތައްތައް ކުރާ ކަމަށާއި އެ ޕާޓީ އުފެދުނީއްސުރެ ދެވަނަ ދެކަމެއް އެމީހުންގެ ސިޔާސަތުގައި ނޯންނަ ކަމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖެއަކީ މީހުން މަރާތަނެއް ކަމަށް ބުނެ އެމްޑީޕީން ބޭރު ތަންތަނުގައި ލީފްލެޓް ވެސް ބެހި ކަމަށާއި އަދި ޓޫރިޒަމް ބޮއިކޮޓް ކުރަންވެސް ގޮވި ކަމަށް މުންދު ވިދާޅުވި އެވެ. އެފަދަ ކަންކަމުން ގެއްލުން ވަނީ އާންމު ނިކަމެތި ރައްޔިތުންނަށް ކަމަށާއި އެމްޑީޕީ އަކީ އިމެއް އޮންނަ ޕާޓީއެއް ނޫން ކަމަށްވާއިރު ވެރިކަން ހޯދަން ކޮންމެ ފަދަ އެއްޗެއް ވެސް އެމީހުން ބުނެފާނެ ކަމަށްވެސް މުންދު ވިދާޅުވި އެވެ.