މޮރީނިއޯގެ ހޯމްކަމިން އަމިއްލަ ޓީމްމޭޓް ޚަރާބުކޮށްފި
1 އޮކްޓޯބަރު 2025 - 03:23

ޗެމްޕިއަންސް ލީގުގައި މިސީޒަނުގައި ޗެލްސީއިން ފުރަތަމަ މޮޅު ހޯދައިފިއެވެ. ޗެލްސީގެ އަމިއްލަ ސްޓޭޑިއަމް ސްޓޭމްފޯޑް ބްރިޖުގައި މިމެޗުގައި ނިކުތީ ޗެލްސީގެ ކުރީގެ ކޯޗު މޮރީބިއޯގެ ބެންފީކާއާއި ދެކޮޅަށެވެ. މި މެޗުގައި ޗެލްސީއިން ކާމިޔާބުކުރީ 1-0 އިންނެވެ.
މެޗުގެ ހަމައެކަނި ލަނޑު ޖެހުނީ ބެންފިކާގެ ރިޗަޑް ރިއޯސްގެ ބައިކޮޅަށް ޖެހި ގޯލަކުންނެވެ. މި ލަނޑު ޖެހުނީ އަލެހާންޑްރޯ ގަނާޗޯގެ ކްރޮސް ބޯޅައެއް ރިއޯސް ދިފާއު ކުރަން އުޅުމުގައި އަމިއްލަ ގޯލަށް ވަނުމުންނެވެ. މީގެ ކުރިން ބެންފިކާއަށް ދެ ފުރުސަތެއް ލިބުނު ނަމަވެސް، ޑޯޑީ ލުކެބަކިއޯގެ ވަރުގަދަ ޝޮޓް ހުއްޓުނީ ގޯލު ތަނބުގައެވެ.

Ad by Hajj Corporation
ފުރަތަމަ ހާފުގެ ނިމުމާ ކައިރިވަމުން ދަނިކޮށް ޗެލްސީއަށް ލިބުނު ރަނގަޅު ފުރުސަތެއްގައި މާކް ކުކުރެއްލާގެ ކްރޮސް ބޯޅައަކަށް ޓައިރީކް ޖޯޖް ޝޮޓެއް ނެގި ނަމަވެސް، އަވަސް އަވަހަށް ޖެހި ޝޮޓް ދިޔައީ ބެންފިކާގެ ގޯލްކީޕަރު އަނަޓޮލީ ޓްރުބިންގެ އަތްމައްޗަށެވެ.
ދެވަނަ ހާފުގައި ލަނޑުޖަހާނެ މާކަށް ގިނަ ފުރުސަތުތަކެއް އެއްވެސް ޓީމަކަށް ނުލިބުއެވެ. ޗެލްސީ ކުޅުނީ މޮރީނިއޯގެ ކުޅުމުގެ ސްޓައިލާއި އެއްގޮތަށް ޑިފެންސްކޮށް، ކައުންޓަރ އެޓޭކްތަކުން ފުރުސަތު ހޯދުމަށެވެ. މި ހާފުގެ އެންމެ ރަނގަޅު ފުރުސަތު ލިބުނީ އެންޒޯ ފަނާންޑެޒްގެ ކްރޮސް ބޯޅައަކަށް އެސްޓެވާއޯ ބޮލުންޖެހި ބޯޅައަކުންނެވެ. މެޗުގެ ފަހު ވަގުތުތަކުގައި ޗެލްސީގެ ޖޯއާއޯ ޕެޑްރޯ ދެވަނަ ރީނދޫ ކާޑު ލިބި ރަތް ކާޑު ދެއްކި ނަމަވެސް، ޗެލްސީ ވަނީ މި މުބާރާތުގެ ފުރަތަމަ މޮޅު ހޯދާފައެވެ.